ބިދޭސީ މީހާ މަރުވީ ޖަމްބޯ ބޭގެއް ވެއްޓިގެން

ހުޅުމާލޭގައި އިއްޔެ މަރުވި ބިދޭސީ މީހާ މަރުވީ ބޮލަށް ޖަމްބޯ ބޭގެއް ވެއްޓިގެން ކަމަށް ފުލުހުން ބުނެފި އެވެ. ހުޅުމާލޭ ބަގީޗާ ހިނގުމުގައި ޖާ އިންވެސްޓުމެންޓުން އަޅަމުންދާ ލަގްޒަރީ ފްލެޓު ދަ ގާޑްންސްގެ މަސައްކަތުގައި އުޅުނު ބިދޭސީ އަކު އިއްޔެ މަރުވީ ހަވީރު އެވެ. އޭނާ މަރުވީ ޖަމްބޯ ބޭގެއްގައި ހުރި ސިމެންތި ބަސްތާތަކެއް އޭނާގެ ބޮލަށް ވެއްޓުމުން ކަމަށް ފުލުހުން ބުންޏެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ އެމީހާގެ ބޮލަށް ސިމެންތި ބަސްތާތައް ވެއްޓުނީ ފަސް ފޫޓު މަތިން ކަމަށެވެ. "ބައިވަރު ބަސްތާތަކެއް ވެއްޓި، ކަނދުރާގައި ޖެހުނު ކަމަށް މައުލޫމާތު ލިބެނީ،" ސުހައިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހާދިސާ ހިނގީ ޖެނެރަލް ސޭފްޓީގެ މައްސަލައެއް ދިމާވެގެން ނޫން ކަމަށެވެ. އެ ބަސްތާތައް ވެއްޓުނު އިރު އިއްތިފާގަކުން އެވަގުތު ހުރެވުނީ އެ ދިމާލުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އިއްޔެ ހަވީރު އެ ހާދިސާ ހިނގުމުން ބިދޭސީ މީހާ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ އިން ބުންޏެވެ. މަރުވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މީހެކެވެ. މި މަހުގެ ހަ ވަނަ ދުވަހު ހަމަ އެ އިމާރާތުގައި ހަދަމުން ދިޔަ ލިފްޓެއްގެ ކޭބަލް ކަނޑައިގެން ގޮސް، ލިފްޓް ވެއްޓި އޭގައި ހުރި ބިދޭސީ މީހަކަށް ވަނީ އަނިޔާވެފަ އެވެ. https://sun.mv/121558
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ