ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ އާމްދަނީ މިއަހަރު %25 ދަށްވާނެ

ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު 25 އިންސައްތަ ދަށަށް ދާނެކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.
ކޯވިޑް19އާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ކުރާނޭކަމަށް ބެލެވޭ އަސަރުތައް ދެނެގަތުމަށް ޔުނިވަރސިޓީން ވަނީ ދިރާސާއެއް ކުރިއަށްގެންގޮސްފައެވެ. އެމްއެންޔޫއިން ހެދި މި ދިރާސާ ހަދާފައިވަނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ ޙިޔާލު ހޯދައިގެންނެވެ.
މިއަހަރުގެ އާމްދަނީ 100 ހާސް ޑޮލަރަށް ވުރެ މަދުވާނެ ކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 42 އިންސައްތަ ތަންތަނުން ބުނެއެވެ. މީގެ ތެރޭގައި ބައެއް ރިސޯޓުތައްވެސް ހިމެނެއެވެ.
ސަރވޭގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވާ ގޮތުގައި 2019 ވަނަ އަހަރު އެފަރާތްތަކުން އެވުރެޖް އާމްދަނީ 4 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ. ނަމަވެސް މި އަހަރުގެ ލިބޭނެ ކަމަށްލަފާކުރާ އެވްރެޖް އާމްދަނީ އުޅޭނީ 3 ލައްކަ އެމެރިކާ ޑޮލަރުގައެވެ. މިއީ 2019 ވަނަ އަހަރުގެ އާމްދަނީ އަށްވުރެ 25 އިންސައްތަ ދަށް އަދަދެކެވެ. އަދި 2021 ވަނައަހަރު ލިބޭނެ ކަމަށް ލަފާކުރެވިފައިވާ ޖުމްލަ އާމްދަނީ އުޅެނީ 5 ލައްކަ އެމެރިކާ ޑޮލަރަށްވުރެ މަތީގައިކަމަށް އެތަންތަނުން ވަނީ ބުނެފައެވެ. މިއީ 2019 ވަނަ އަހަރުގެ އާމްދަނީއަށްވުރެ 26 އިންސައްތަ އިތުރު އަދަދެކެވެ.
ސަރވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 39 އިންސައްތަ ތަންތަނަށް 2019 ވަނަ އަހަރު ލިބިފައިވަނީ އެއްލައްކަ ރުފިޔާއަށްވުރެ މަދުންނެވެ. މީގެ ތެރޭގައި ހިމެނެނީ ގެސްޓް ހައުސްތަކާއި ބައެއް އުޅަނދުތަކެވެ. އެއްލައްކަ ރުފިޔާއާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީއެއް 21 އިންސައްތަ ތަންތަނަށް ލިބިފައިވެއެވެ. މިގިންތީގައި ގިނައީ ބޮޑެތި ގެސްޓް ހައުސްތަކާއި އުޅަނދުފަހަރެވެ. ފަސް ލައްކަ ރުފިޔާއާއި އާއި 1 މިލިއަން ރުފިޔާއާދެމެދު ލިބިފައިވަނީ 14 އިންސައްތަ ތަންތަނަށެވެ. މިގިންތީތަކުގައިވެސް ގިނައީ ބޮޑެތި ގެސްޓް ހައުސްތަކާއި އުޅަނދުތަކެވެ.
ދިރާސާގައި ބައިވެރިވި 20 އިންސައްތަ ރިސޯޓުތަކަށް 2019 ގައި ލިބިފައިވާކަމަށް ބުނެފައި ވަނީ 5 މިލިއަން ރުފިޔާއާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ރިސޯޓުތަކުގެ ތެރެއިން 6 އިންސައްތަ ރިސޯޓަށް 25 މިލިއަނާއި 50 މިލިއަން ރުފިޔާއާ ދޭތެރޭގެ އާމްދަނީއެއް ލިބިފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުންވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ވިޔަފާރީގެ އާމްދަނީން ދައުލަތައް ލިބުނު ޓެކްސްގެ އަދަދު ވަނީ ދަށްވެފައެވެ. މިއަހަރުގެ ޖުލައި 2 ވަނަ ދުވަހާއި ހަމައަށް ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 939 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި 1.2 ބިލިއަން ރުފިޔާކަމަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ