ޖިންސީ ގޯނާ ގިނަވަނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށް ބުނުމުން ކަންބޮޑުވެއްޖެ

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ފުލުހުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ އިއްޔެ އަޑުއުފުލުމުން އެކަމާ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖިންސީ އަނިޔާއާ ދެކޮޅަށް އިއްޔެ ހަވީރު މާލޭގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިން ވަނީ، އެ މީހުން މަގުމައްޗަށް ނުކުންނަން ޖެހުނީ އެފަދަ އަނިޔާކުރާ މީހުންނަށް އަދަބު ދިނުމުގައި ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށް ބުނެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް ފުލުހުން އަބަދުވެސް ސީރިއަސް ކަންކަމުގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އެ މައްސަލަތަކާ ދެކޮޅަށް، ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ. އެހެންކަމުން އެ އަނިޔާތަކާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަން ޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށް ބުނުމަކީ ކަންބޮޑުވުމެއް ކަމަށް، ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ މިފަދަ ކަންކަމުގައި އެންމެ ޒިންމާދާރު ގޮތަކީ، އެކަމެއްގެ ފުރިހަމަ މައުލޫމާތު ކަމާ ގުޅޭ ފަރާތްތަކުން ސާފުކުރުމަށް ފަހު ނޫނީ ވާހަކަ ނުދެއްކުން ކަމަށެވެ.
"ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުން ފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަށް އޮތް މިފަދަ ކަންކަމުގައި، ކަމުގެ ހަގީގަތް ނޯޅޭނެ ގޮތަށް ވާހަކަ ދެއްކުމަށް އިލްތިމާސް ކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެފަދަ ކުށްތަކާ މެދު އާއްމުން ހޭލުންތެރިކުރުވައި، ކުށްތަކުން ކުޑަކުދިންނާއި އަންހެނުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެފަދަ ކުށްތައް ތަހުގީގު ކުރުމަށް ވަކި ބަޔަކު ކަނޑައަޅައި، އެކަމަށް ހާއްސަ ހުނަރުތައް ދަސްކޮށްދީ، ޒަމާނާއި ކުށްކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެ ހުނަރުތައް ތަރައްގީކުރާ ކަމަށް ވެސް ބުންޏެވެ.
ބަޔާން ނިންމާލަމުން ފުލުހުން ބުނީ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެތަނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސް ޖެހުމެއް ނެތްކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލައި އިންސާފު ހޯދައި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރަން މަދަނީ ޖަމިއްޔާތަކުން ކުރާ މަސައްކަތަށް ތަރުހީބު ދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ