ގެއްލުންވާ ގޮތަށް ގުޅުންތައް ބާއްވައިގެން ނުވާނެ: ޝަހީމް

ދިވެހި ރާއްޖެއަށް ގެއްލުންވާ ގޮތަށް އެއްވެސް ގައުމަކާއެކު ހާރިޖީ ގުޅުންތައް ބާއްވައިގެން ނުވާނެ ކަަމަށާ ދާއިމީ ގޮތެއްގައި ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ބައިތިއްބުމަކީ ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ މިރޭ "ޗެނަލް 13" އި ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަރަބި ގައުމުތަކާ ހާއްސަ ގުޅުމެއް އޮންނަ ޝަހީމް ވިދާޅުވީ ބައެއް މީހުންގެ ނަޒަރުގައި ދުނިޔޭގައި ކުރެވޭ އެންމެ ވަރުގަދަ ހަނގުރާމައަކީ ހަތިޔާރު ބޭނުން ކޮށްގެން ކުރާ ހަނގުރާމަ ނަމަވެސް މިހާރު ދުނިޔޭގައި ހިންގާ އެންމެ ވަރުގަދަ ހަނގުރާމައަކީ އިންޓެލިޖެންސްގެ ހަނގުރާމަ ކަމަށެވެ. ބޭރުގެ އެއްވެސް ގައުމަަކަށް ރާއްޖެ އައިސް އެބަޔަކު ބޭނުންހާ މައުލޫމާތެއް ހޯދުމުގެ ދޮރު ހުޅުވާލުމަކީ ނުރައްކާތެެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްކަރީ ގޮތުން ކުރިއަށް ދިއުމަށް އެހެން ގައުމުތަކާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ވެސް ހުންނާނެ ކަމަށާ ނަމަވެސް އެ މަސައްކަތަކީ ދާއިމީ ގޮތެއްގައި ރާއްޖޭގައި އެހެން ގައުމެއްގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު ބޭތިއްބުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތިޔާރަކީ ކޮބައިތޯ ފުރަތަމަ ކަމަކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ހަނގުރާމަކީ އިންޓެލިޖެންސްގެ ހަނގުރާމަ. އެއީ ފެންނަން އޮންނަ ހަތިޔާރުތަކާއެކު އުޅޭ ބައެއް ނޫން. ޖެހިގެން ހުންނަ މީހާއަކީ ވެސް ސިފައިންގެ މީހެއް ނޫން ކަމެއް ނޭނގޭނެ. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގައި ދާއިމީ ގޮތެއްގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގަބޫލުކުރާ ކަމެއް ނޫން،" ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ތިބުމާއި ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ހާރިޖީ ގުޅުންތަކަކީ ހަމަހަމަ ގުޅުން ތަކަކަށްވާން ޖެހޭނެ ކަމަށެވެ. އަދި އެ ހަމަހަމަކަން ގެއްލުވާލާ ވަކި ބަޔަކަށް އިސްކަންދީ، ވަކި ގައުމަކަށް ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫއަރާ މިންވަރަށް ފުރުސަތުތައް ފަހިކޮށް ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
"އެއްވެސް ގައުމަކުން ފުރުސަތެއް ނުދޭނެ އެ ގައުމެއްގެ ތެރޭގައި އެހެން ގައުމަކުން އައިސް ބޭނުންހާ ގޮތަކަށް އުޅެން ފުރުސަތެއް ނުދޭނެ،"
ޝަހީމް ވިދާޅުވީ ދިވެހި ގައުމުގެ މިނިވަން ކަމަށްޓަކައި ދިވެހިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލި އެހެން ގައުމެއްގެ އަތްދަށަށްދާ މަންޒަރު ބަލަން ދިވެހިން ނުތިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގޭގެ ތެރެއަށް އެހެން ބަޔަކަށް ވަދެވޭނީ އަޅުގަނޑުމެން ފުރުސަތު ދިން މިންވަރަކުން،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ