ހައިޑްރިޖަން މަތިިންދާބޯޓު – ޖައްވަށް ބޭރުކުރާނީ ހަމަ އެކަނި ފެން!

ލެއިޑެން، ނެދަރލޭންޑްސް – އެއަރބަސް މަރުކާއިން މިވަނީ އީޖާދީ ޕްރޮޖެކްޓެއްގެ ދަށުން މުޅިން އައު ތިން މަތިންދާބޯޓެއް އުފެއްދުމަށް މަސައްކަތްފަށައި، އެކަމުގެ ފަރުދާ ކަހާލާފައެވެ. މި މަތިންދާބޯޓުތައް ދުއްވުމުމަށް ބޭނުންކުރާނީ ހައިޑްރިޖަން ގޭހެވެ. ނަތީޖާއެއްގެ ގޮތުން، ބޯޓުން ޖައްވަށް ބޭރުކުރާނީ އާވީގެ ގޮތުގައި ހުންނަ ފެން އެކަންޏެވެ. މާނައަކީ، މިއީ ޖައްވަށް އެއްވެސް ވިހަ މާއްދާއެއް ދޫނުކުރާ ގޮތަށް އުފައްދާ މަތިންދާބޯޓު ތަކެކެވެ.
މި ތިން ބޯޓުގެ ތެރެއިން އެއް ބޯޓަކީ އޭގެ ފިޔަގަނޑުގެ ފަރުމާއަށް ވެސް އިންގިލާބީ ބަދަލެއް ގެނެސްފައިވާ ބޯޓެކެވެ. އަނެއް ދެ ބޯޓުގެ ފަރުމާއާއި މިހާރުގެ އެއަރބަސް ތަކުގެ ފަރުމާއާއި މާބޮޑު ތަފާތެއް ނުހުންނާނެއެވެ. ނަމަވެސް އިންޖީނަށް ހަކަތަ ހޯދުމަށް ބޭނުންކުރާނީ ހައިޑްރިޖަން ގޭހެވެ.
މިހާރު، ޖެޓް އިންޖީނު މަތިންދާބޯޓާއި ބުރަފަތިލީ އިންޖީނު (ޓާބޯޕްރޮޕް އިންޖީނު) ހުންނަ ބޯޓުތަކުގައި ބޭނުންކުރަނީ ފަސޭހައިން ހުޅުހިފާ ފޮސިލް ފިއުލްއެއް ކަމަށްވާ ކެރޮސީނެވެ. އިންޖީނުގެ ތެރެއަށް އެއްވެސް ހުރަހެއް ނެތި ކެރޮސީނު ތެޔޮ ފޮނުވައިލުމުން، އެ ތެލުގައި ހުޅުހިފައެވެ. މިކަމުގެ ސަބަބުން އުފެދޭ ހޫނު ވައި އެކްސްޕޭންޑް ވެ، ބޯޓު ކުރިއަށް ކޮށްޕުމުގެ ހަކަތަ އުފައްދައެވެ. މިގޮތުން ބާރު އިސްޕީޑްގައި މަތިންދާބޯޓް ދުވެއެވެ. ކެރޮސީނަކީ ފޮސިލް ފިއުލްއެއް ނުވަތަ އަނދަނައެއް ކަމުން، އެއިން ގްރީންހައުސް ވިހަ ގޭސްތައް ބޭރުކުރެއެވެ. އޭގެތެރޭގައި ހިމެނޭ ކާރބަންޑައިއޮކްސައިޑް ގޭހަކީ ޖައްވު ތަޣައްޔަރުކުރާ ގޭހެކެވެ.
މި އައު އިންގިލާބު ބޭނުންކޮށްގެން އެއަރބަސް އިން ރާވަމުން ދަނީ، ގޭސް-ޓާރބައިން އިންޖީނު އެޅި މަތިންދާބޯޓު އުފައްދައި ހައިޑްރިޖަން ގޭހުން ހަކަތަ ހޯދައިގެން އެ ބޯޓުތައް އުދުއްސުމަށެވެ. މި ބޯޓުތަކުގެ އެންމެ ފައްކާ ކަމަކީ ހައިޑްރިޖަން ގޭސް އޮކްސިޖަންއާ އެކުގައި އެންދުމުން ބޭކާރުވެގެންދާ މާއްދާއަކީ ފެންކަމަށް ވާތީއެވެ. އެހެންކަމުން މިއީ ތިމާވެއްޓާއި ރައްޓެހި، އެއްވެސް ވިހަ ގޭހެއް ޖައްވަށް ބޭރު ނުކުރާނެ ބޯޓުތަކެކެވެ.
ނަމަވެސް މި ހުވަފެނީ ޕްރޮޖެކްޓުގައި ކުލަ ޖެއްސުމަށް އެއަރބަސް ކުންފުންޏަށް ވަނީ ގިނަގުނަ ހުރަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން މިކަމުން އަރައިގަނެވި މި ޕްރޮޖެކްޓް ނިމޭނީ 2035 ވަނަ އަހަރުގައި ކަމަށް އެމީހުން އަންދާޒާ ކުރެއެވެ.
ކުރިމަތިވާ ޓެކްނިކަލް ގޮންޖެހުންތަކުގެ އިތުރުން، ދިމާވާނެ އެންމެ ބޮޑު އެއް ކަމަކީ، މަތިންދާބޯޓުގައި ރައްކާތެރިކަމާއެކު ހައިޑްރިޖަން ގޭސް ބަހައްޓައި، އުފުލާނެ ގޮތެކެވެ. ހައިޑްރިޖަން އަކީ ގޭހަކަށް ވެފައި، އެ ގޭސް ދިޔާއެއްޗަކަށް (ލިކުއިޑަށް) ބަދަލުކުރުމަށްޓަކައި މައިނަސް 253 ޑިގްރީ ސެލްސިއަސް އަށް އެ ގޭސް ފިނިކުރަން ޖެހެއެވެ. މާނައަކީ މަތިންދާބޯޓަށް ހައިޑްރިޖަން އެޅުމުގެ ކުރިން 253 ޑިގްރީ ސެލްސިއަސްއަށް ފިނިކުރަން ޖެހޭނެއެވެ. އަދި ބޯޓުތެރޭގައި ވެސް އެ ބަހައްޓަން ޖެހޭނީ ދަށް ފިނިހޫނުމިނެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ