ސާކް ސަމިޓްގެ ބައެއް މަސައްކަތްތަކަށް ފައިސާ ނުލިބުމުގެ މައްސަލަ ހޫނުވަނީ

މިދިޔަ މަހު އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރުވި ބައެއް މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލަ ހޫނުވާން ފަށައިފި އެވެ.
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށްދިން ބައެއް ފަރާތްތަކުން ބުނީ އެ މީހުންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކަމާ ބެހޭ އެކި ފަރާތްތަކަށް ކޮންމެ ދުވަހަކު ވެސް ހުށަހަޅަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ބިލްތައް ފޮނުވައިގެން ވެސް އެކަށީގެންވާ ޖަވާބެއް މިހާތަނަށް ނުލިބޭ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
ސާކް ސަމިޓާ ދިމާކޮށް ރަސްމީ ފަރިއްކޮޅު ބޭއްވި އިމާރާތުގެ ސަބް ކޮންޓްރެކްޓެއްގެ ގޮތުގަ އާއި މީދޫ ބަނދަރާއި އެ ރަށުގައި ހެދި މޮނިއުމަންޓުގެ މަސައްކަތްކުރި ޝަޒުމް އިންވެސްޓްމަންޓުން ބުނީ އެ ކުންފުނިން ކުރި މަސައްކަތްތަކަށް ލިބެންޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބޭ ކަމަށެވެ.
ޝަޒުމް އިންވެސްޓްމަންޓުގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ޝާތިރު މިއަދު ވިދާޅުވީ މަސައްކަތްތައް ހަވާލުކުރި އިރު، އެ މަސައްކަތްތައް ނިންމައި ބިލް ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ ކަމަށް ކައުންސިލުން ބުނި ނަމަވެސް، އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.
"ދިޔައިމާ ފަހުން މި ބުނަނީ ނޮވެމްބަރު ނިމުނީމާ ލާރި ލިބޭނެ ކަމަށް. އޭގެ ފަހުން ޑިސެމްބަރު މަސް ފެށިގެން މިހާތަނަށް އައި އިރު ކޮންމެ ދުވަހަކު މިކަމާ ދުވަން އެބަޖެހޭ. މޭޔަރަށް މިދިޔަ ބުރާސްފަތި ދުވަހު ގުޅުމުން ވިދާޅުވީ އާދީއްތަ ދުވަހު ހަމަޖައްސައިދޭނެ ކަމަށް. އެކަމަކު އެ ދުވަހު ހަބަރެއް ނުވެގެން މި ހަފުތާގެ ހުރިހާ ދުވަހެއް މި ދަނީ މޭޔަރާއި ޑިޕިއުޓީ މޭޔަރާ ގުޅުމުގައި. އެކަމަކު ފޯނަކަށް ޖަވާބެއް ނުދެއްވާ އެ ބޭފުޅުން. މިއަދު ވެސް އަޅުގަނޑު އެ ދެ ބޭފުޅުންނަށް ވަކިވަން ވިއްސަކަށް ފަހަރު ގުޅައިފިން" ޝާތިރު ވިދާޅުވި އެވެ. "އެހެންވެ މިއަދު އަޅުގަނޑުމެން މިއަދު ދެން ގޮސް
މަޑުކޮށްގެން ތިބޭނީ މި ރަށުގައި [މީދޫގައި] ހުންނަ ކައުންސިލްގެ ޑިޕާމަންޓުގައި. ލިއުމަކުން ފައިސާ ސީދާ ލިބޭނެ ދުވަހެއް ނުދެނީސް އަޅުގަނޑުމެން މިއަދު އެ ތަނަކުން ނުނިކުންނާނަން."
ޝާތިރު ވިދާޅުވީ މީދޫ ބަނދަރުގެ ތޮށިގަނޑު މަރާމާތުކޮށްގެންނާއި މޮނިއުމަންޓް ހަދައިގެން އެ ކުންފުންޏަށް ގާތްގަޑަކަށް 1.5 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ.
އަދި ޝަޒުމް އިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ވިމްލާއާ ހަވާލު ކުރި މަލްޓި ޕާޕަސް ހޯލަށް ލިބެންޖެހޭ ފައިސާ އެ ކުންފުންޏަށް ވެސް ލިބިފައިނުވާ ކަމަށް ޝާތިރު ވިދާޅުވި އެވެ.
"ވިމްލާ އަށް ފައިސާ ނުލިބިގެން އެ ކުންފުނިން އަޅުގަނޑުމެންނަށް ދޭންޖެހޭ ފައިސާ ވެސް ނުލިބޭ. އަޅުގަނޑުމެން މަސައްކަތްކުރީ އެޑްވާންސަށް އެއްވެސް ފައިސާއެއް ލިބިގެނެއް ނޫން. ހަމަ ސީދާ އަޅުގަނޑުމެން ހަރަދުކޮށްގެން މަސައްކަތްތައް ނިންމީ. އެ ގޮތުން ފަންސާހަކަށް މުވައްޒަފުން ނަގައިގެން ތަންތަނުން ކްރެޑިޓަށް ސާމާނު ހޯދައިގެން މަސައްކަތްކުރީ. އެހެންވެ މި ލާރި ލިބޭ ގޮތް ނުވެގެން މުވައްޒަފުންނަށް މުސާރައެއް ދެވޭނެ ގޮތެއް ނެތް. ނެގި މުދަލަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ވަރަށް ނާޒުކް ހާލަތެއްގައި މި ތިބީ. އަނެއްކޮޅުން މަސައްކަތްކުރި މީހުންނަށް މުސާރަ ނުދެވިގެން އަޅުގަނޑަށް އެކި ކަހަލަ އިންޒާރުތައް ވެސް އެބަ ލިބޭ."
ޝާތިރު ވިދާޅުވީ މި މައްސަލާގައި މިއަދު ފޮރިން މިނިސްޓްރީގެ އޮފިޝަލަކަށް ގުޅުމުން، ކޮންޓްރެކްޓަރުންނަށް ލިބެންޖެހޭ ފައިސާ އެ މިނިސްޓްރީން، ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ފައިސާ މި މަހުގެ 15 ހިސާބުގައި ލިބޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި ކަމަށް ޝާތިރު ވިދާޅުވި އެވެ.
ވިމްލާ ކޮންސްޓްރަކްޝަންގެ އޮފިޝަލަކު ވެސް މިއަދު ވިދާޅުވީ 4.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި މަލްޓި ޕާޕަސް ހޯލަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ސަބް ކޮންޓްރެކްޓަރުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އެހެންވެ މި ފައިސާ ވީހާ ވެސް އަވަހަކަށް ލިބޭތޯ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސާކް ސަމިޓަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރި ބައެއް ފަރާތްތަކަށް ފައިސާ ނުލިބިގެން މިދިޔަ ހަފުތާގެ ތެރޭގައި ހިތަދޫގައި ހުންނަ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗާ އަށް ވެސް، މަސައްކަތްކުރި ގްރޫޕެއްގެ ބަޔަކު ގޮސް އަޑުގަދަކޮށްފައިވެ އެވެ. އަދި ހަފުތާ ނިމޭ އިރު ފައިސާ ނުދީފި ނަމަ އޮފީސް ބަންދުކުރާނެ ކަމުގެ އިންޒާރު ދިނުމުން އެ ގްރޫޕަށް ދޭންޖެހޭ 75،000ރ. ދީފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
މަސައްކަތްކުރި ބައެއް ފަރާތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ މައްސަލަ ހޫނުވަމުންދާތީ މިކަމާ ބެހޭ ގޮތުން އައްޑޫ މާޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ ބަހެއް ހޯދުމަށް މިއަދު ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ