މަޖިލިހުގެ މިއަދުގެ ޖަލްސާ ރިއާސަތުން ހުއްޓާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންގޮސްގެން މާ ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ރިއާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޖަލްސާ ހުއްޓާލައްވައިފި އެވެ.
ޖަލްސާ ފެށިތާ ހައެއްކަ މިނިޓް ތެރޭގައި ޖަލްސާ ހުއްޓާލެއްވިކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ގަސްދު ކުރައްވަނީ ޖަލްސާ ކުރިއަށް ނުގެންދަން ކަމަށެވެ. އަދި ވިދާޅުވީ ޖަލްސާ ނިންމާލެއްވުމަށް ފަހު ޕާޓީތަކުގެ ލީޑަރުންނާ ވަކިވަކިން ބައްދަލު ކުރައްވަން ބޭނުންވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭތޯ ޕާޓީތަކުގެ ލީޑަރުންނާ އަދި އެހެނިހެން މެމްބަރުންނާ ވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން މަޖިލީހުގައި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންނާ ވެސް ބައްދަލު ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ނިޒާމީ ނުކުތާ ނަންގަވައިގެންނާއި ދެކަފި ވެފައިވާ މައްސަލަތައް އިތުރަށް ފުޅާވާ ގޮތަށް ވާހަކަ ދައްކަވައި ވިސްނުންތައް ދުރަށް ގެންދެވުމަކީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އިތުރަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގެއް ގާއިމް ކުރެވޭނީ މެމްބަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިގެންނެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ވިލުފުށީ ދާއިރާގެ މެމްބަރު އަދި ގައުމީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ރިޔާޒް ރަޝީދަށް ނިޒާމީ ނުކުތާއެއްގައި ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދަން ބޭނުންވާ މެމްބަރުންގެ ބަދަލުގައި މަޖިލިސް ކުރިއަށް ގެންދަން ބޭނުން ނުވާ މެމްބަރުންނާއެކު ރިޔާސަތުން ވާހަކަ ދައްކަވައި ހައްލެއް ހޯއްދެވުމަށް އެދިވަޑައިގެންފަ އެވެ.
މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާގައި ވާހަކަ ދެއްކެވި ހަމައެކަނި މެމްބަރު ރިޔާޒް ރަޝީދުގެ ވާހަކަ ދެއްކެވި ވަގުތު ވެސް ބައެއް މެމްބަރުން ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ. ރިޔާޒް ރަޝީދުގެ ނިޒާމީ ނުކުތާއަށް ފަހު ޖަލްސާ ނިންމަވާލެއްވިކަން އިއުލާން ކުރައްވަމުން ރިޔާސަތުން ވިދާޅުވީ ދެން ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
ކެބިނެޓްގެ ހުރިހާ ވަޒީރުން މިދިޔަ މަހުގެ 29 ގައި އިސްތިއުފާ ދެއްވައި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތުގެ ތުހުމަތުގައި އިދިކޮޅު ދެ މެމްބަރަކު ބަންދު ކުރި ފަހުން މިހާތަނަށް މަޖިލީހުގެ ޖަލްސާތައް ވެސް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ. އެ ގޮތުން މިދިޔަ ބުދަ ދުވަހުން ފެށިގެން މިހާތަނަށް އެންމެ ޖަލްސާއެއް ވެސް ބޭއްވިފައެއް ނުވެ އެވެ.
14: 09 - ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ރިޔާސަތުން މީގެ ކުޑައިރުކޮޅެއް ކުރިން ކެންސަލް ކޮށްފި އެވެ.
މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން، މަޖިލިހުގައި މަރުތަޅު އެޅިފައި ވާއިރު ހައްލެއް ހޯއްދެވުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކެއް ބޭއްވެވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް ޝާހިދު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ