މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި އާ ހަތަރު އިމާރާތެއް ހުޅުވަނީ

މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި މާދަމާ އާ ހަތަރު އިމާރާތެއް ހުޅުވާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
މާދަމާ އެންމެ ފުރަތަމަ ހުޅުވުމަށް ހަމަޖެހިފައި ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ގެކޮޅު ހުރި ތަނުގައި އިމާރާތްކުރި 14 ބުރީގެ އޮފީސް އިމާރާތް "ވެލާނާގެ" އެވެ. ހެނދުނު 15: 7 ގައި އެ އިމާރާތް ހުޅުވައިދެއްވާނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަދި ނާސިރުގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި ކަރަންކާ އިބްރާހިމް ރަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދެވެ.
މީގެ އިތުރުން ހަތް މިލިއަން ޑޮލަރު ހަރަދުކޮށްގެން ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކުރި ދާރުލް އާސާރުގެ އިމާރާތް ހުޅުވުން ވެސް މާދަމާ އޮންނާނެ އެވެ. ހެނދުނު 00: 9 ގައި އެ އިމާރާތް ހުޅުވައިދެއްވާނީ ރައީސް މުހައްމަދު ނަޝީދެވެ.
އެމްއެންޑީއެފްގެ ހެޑްކުއާޓާސްގެ އިރުމަތީ ފަރާތުގައި އަލަށް ހެދި ނުވަ ބުރީގެ އިމާރާތް ހުޅުވައިދޭނީ ނޮވެމްބަރު ،3 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހުސެއިން އާދަމްގެ ބައްޕަ އެވެ.
އިސްކަންދަރު ކޮށީގައި އިމާރާތްކޮށްފައިވާ ފުލުހުންގެ ނުވަ ބުރީގެ އިމާރާތް ވެސް މާދަމާ ހުޅުވާނެ އެވެ. ހެނދުނު 11 ޖަހާއިރު އެ އިމާރާތް ހުޅުވައިދެއްވާނީ ހޯމް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ މުހައްމަދު ޝިހާބެވެ.
ހޯމް މިނިސްޓްރީން ނެރުނު މިނިވަން ދުވަހުގެ ޕްރޮގްރާމްގައިވާ ގޮތުން މާދަމާ ހެނދުނު އެންމެ ފުރަތަމަ އޮންނާނީ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތެވެ. ހެނދުނު ހައެއް ޖަހާއިރު މާލޭގައި އެ ދިދަ ނަންގަވައިދެއްވާނީ ރައީސް ނަޝީދެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު ގައުމާ މުހާތަބުކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ވެސް ދައްކަވާނެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު ހައެއް ޖަހާއިރު ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.
މިނިވަން ދުވަހާ ގުޅުވައިގެން، އުތުރާއި ދެކުނުގައި ގާއިމުކުރާ ވިޔަފާރި ތަރައްގީކުރުމަށް އެހީވެދޭ ދެ މަރުކަޒު ހުޅުވުން ވެސް މާދަމާ އޮންނާނެ އެވެ. އުތުރުގެ މަރުކަޒު ގާއިމުކުރަނީ ހދ. ކުޅުދުއްފުށީގަ އެވެ. ދެކުނުގެ މަރުކަޒު ގާއިމުކުރަނީ ސ.ހިތަދޫގަ އެވެ. އަދި މ. ކޮޅުފުއްޓާއި ގއ. ކޮލަމާފުށީ ހައުސިން ޕްރޮޖެކްޓް ފެށުން ވެސް މާދަމާ އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ކޮންމެ އަހަރެއްގެ މިނިވަންދުވަހު ބާއްވާ ޝަރަފުގެ ގާޑާއި ޝަރަފުގެ ހިނގާލުން ޖުމްހޫރީ މައިދާނުގައި މާދަމާ ހަވީރު ފަހެއް ޖަހާއިރު އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ހާއްސަ މިއުޒިކް ޝޯއެއް އަލިމަސް ކާނިވަލުގައި މާދަމާ ރޭ 30: 8 ގައި ބާއްވަން ވަނީ ހަމަޖައްސާފަ އެވެ
މިނިވަންދުވަހުގެ ޕްރޮގްރާމްގައި ހިމެނޭ އަނެއް ކަމަކީ އުތުރާއި ދެކުނުގެ ސަރަހައްދީ ބަނދަރަށް ގެންނަ މުދަލުގެ ޑިއުޓީން ދެބައިކުޅަ އެއްބައި މައާފްކުރުމުގެ އުސޫލް އިއުލާންކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ