އެމްޑީޕީ ދާއިރާތަކުގެ އިންތިހާބު ކެންސަލްކުރުން: ކެންޑިޑޭޓުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް ފެންމަތިވެއްޖެ

އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ ހިތްހަމަޖެހޭ ގޮތަށް ނޫން ކަމަށް ބުނެ ބައެއް ކެންޑިޑޭޓުން ޝަކުވާކުރަން ފަށައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭނެ ގޮތަށް ބޭއްވި މި އިންތިހާބު ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، ވޯޓުލުން ފެށިތާ ދެ ގަޑިއެއްހާއިރު ތެރޭގައި ކެންސަލްކޮށްފަ އެވެ. އެގޮތުން މެންދުރު 00: 2 ގައި ފެށި ވޯޓުލުން ހަވީރު 30: 4 ހާއިރު ކެންސަލްކުރީ އެސްއެމްއެސްތައް ނުދާ ކަމުގެ ޝަކުވާތައް އަންނަން ފެށުމުން ކަމަށް އެމްޑީޕީގެ އަމީން އާންމު ހަސަން ޝާހު ވިދާޅުވި އެވެ. އެހެން ނަމަވެސް ޓެކްނިކަލް މައްސަލަ ދިމާވީ ކީއްވެ ކަމެއް އަދިވެސް ނޭނގޭ ކަމަށް އެމްޑީޕީން ބުނެ އެވެ.
މި އިންތިހާބުގައި ބައިވެރިވި ބައެއް ކެންޑިޑޭޓުން ބުނި ގޮތުގައި ހުރިހާ ވެސް މައްސަލައަކީ އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭނެ ގޮތް ހަމަޖެއްސުމެވެ. އަދި ގިނަ ބަޔަކަށް އެސްއެމްއެސް ކުރަން ނޭނގުމާއި އެސްއެމްއެސް ރިސީވް ވުން ލަސްވުމާއި ތަކުރާރުކޮށް އެއް ކެނޑިޑޭޓަކަށް ވޯޓުލެވޭ ގޮތަށް އޮތުމަކީ ވެސް ބައެއް ކެންޑިޑޭޓުންގެ ޝަކުވާއެކެވެ.
"ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަށް ނޭނގޭ އެސްއެމްއެސް ފޮނުވާކަށް. އަނެއްކާ އެސްއެމްއެސް ފޮނުވަން ނަގާ 15 ވަރަކަށް މިނިޓް. އެސްއެމްއެސް ފޮނުވަން ނޭނގުމުން އެތައް ބަޔަކަށް އެހީތެރިވާން ޖެހޭ. އެހީތެރިވާން ވެސް ތަކުރާރުކޮށް އެތައް ބަޔަކަށް ދެވޭ ގޮތަށް ހަމަޖެހިފައި އޮތީ. މިކަހަލަ އެތައް މައްސަލައެއް މި އިންތިހާބުގައި ކުރިމަތިވެފައި އެބަހުރި،" ކެލާ ދާއިރާ އަށް ކުރިމަތިލެއްވި އިބްރާހިމް ޝަރީފު މިއަދު "ހަވީރަ"ށް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް ކުރިމަތިލެއްވި އާދަމް ވަހީދު ވިދާޅުވި ގޮތުގައި އެސްއެމްއެސްއިން ވޯޓުލެވޭ ގޮތަށް އޮތުމުން އާންމު މަސްލަހަތު ވެސް ގެއްލޭ ގޮތަށް ކަންތައް އިންތިޒާމްވެފައި އޮތެވެ.
"އެސްއެމްއެސްއިން ވޯޓުލާއިރު ބައެއް އޮބްޒާވަރުންނަށް އެބަ އިނގޭ ވޯޓުލަނީ ކޮން ކެންޑިޑޭޓަކަށްކަން ވެސް. އޮބްޒާވަރުން އެބަ އެހީތެރިވެދޭ އެތައް ބަޔަކަށް ވޯޓުލާން. އެހެންވެ ވޯޓުލާ ކެންޑިޑޭޓު ސިއްރެއް ނުކުރެވޭ. އެތައް ބަޔަކަށް ވޯޓުލާ މީހާ އެނގި އާންމު މަސްލަހަތަށް ވެސް އަސަރުކުރާ ގޮތަށް ކަންތައް އޮތީ،" އާދަމް ވަހީދު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭ ގޮތަށް ހަމަޖެއްސުމަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ފޮށި ބަހައްޓައިގެން ވޯޓު ގުނޭ ގޮތަށް އިންތިޒާމްކުރަން. އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމާ އަޅުގަނޑު ދެކޮޅު،" އޭނާ ވިދާޅުވި އެވެ. "މި ވޯޓުލުން ފެށުމުގެ ކުރިން ވެސް އަޅުގަނޑު އައީ ޝަކުވާ ހުށަހަޅަމުން މިހެން ދިމާވެދާނެއޭ. އެއް ކެންޑިޑޭޓަކަށް ރިޕީޓް ލެވޭނެއޭ."
އެތައް ހާސް ބަޔަކު ވޯޓުލާފައިވަނިކޮށް ވޯޓުލުން ކެންސަލް ކުރިއިރު ބައެއް ކެންޑިޑޭޓުން ވަނީ 30،000- 40،000ރ. އާ ދެމެދުގެ އަދަދަކުން ހަރަދުކޮށްފަ އެވެ. އެންމެ އާދައިގެ ގޮތަށް ކެމްޕޭން ކުރި ކެންޑިޑޭޓުން ވެސް ގާތްގަނޑަކަށް ހައެއްކަ ހާސް ރުފިޔާ ހަރަދުކުރި ކަމަށްވެ އެވެ.
"އަޅުގަނޑު އަތުން 30،000ރ. އާއި 40،000ރ. ވަރު ހަރަދުވި. އެއީ ދަތުރުފަތުރާއި ކެއުން ބުއިމާއި ލޮޖިސްޓިކްސް ކަންތައްތަކަށް. މިއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" ޝަރީފު ވިދާޅުވި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ދެން އިންތިހާބު ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ