އަބުރުގެ ބަދަލަށް 121.5 މިލިއަން ރުފިޔާ ހޯދުމަށް ޖަޒީރާ ނޫހާއި ހާމަ ނޫހާ ދެކޮޅަށް ޔާމީން ދައުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީންގެ ސިންގަޕޫރު އެކައުންޓެއްގައި 45 މިލިއަން ސިންގަޕޫރު ޑޮލަރު ހުރި ކަމަށް ބުނެ ލިޔެފައިވާތީ، އަބުރުގެ ބަދަލުގެ ގޮތުގައި 121.5 މިލިއަން ރުފިޔާ ހޯދުމަށް ހާމަ ނޫހާއި ޖަޒީރާ ނޫހާ ދެކޮޅަށް އޭނާ މަދަނީ ކޯޓަށް ދައުވާ ހުށަހަޅުއްވައިފި އެވެ.
ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވި ގޮތުގައި، އެ ދެ ނޫހުން ޔާމީނާ ބެހޭ ގޮތުން ލިޔެފައިވާ އެ ވާހަކަތަކާ ގުޅިގެން، ޔާމީންގެ އަބުރު ގެއްލިފައިވާތީ އަބުރުގެ ބަދަލު ހޯދުމުގެ ގޮތުން އެ ދެ ނޫހާ ދެކޮޅަށް މަދަނީ ކޯޓަށް ވަނީ ފަސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
"އެއީ ޔާމީންގެ ބޭރު އެކައުންޓެއްގައި ވަކި ވަރަކަށް ފައިސާ ހުރި ކަމަށް ބުނެ ހާމަ ނޫހާއި ޖަޒީރާ ނޫހުގައި ލިޔުއްވާފައި އޮތް ލިޔުއްވުމަކާ ބެހޭ ގޮތުން އަބުރުގެ ދައުވާ ހުށަހެޅީ. އެ ދެ ނޫހާ ދޭތެރޭ ފަސް މައްސަލަ މި ހުށަހެޅީ."
އާޒިމާ ވިދާޅުވި ގޮތުގައި މި ފަސް މައްސަލައިގައި ޔާމީންގެ ފަރާތުން ދައުވާކުރައްވަނީ، ހާމަ ނޫހުގެ މަސްއޫލުވެރި ފަރާތް އެގްޒިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޑިޓަރު ސައިފް އަޒްހަރާއި އެ ހަބަރު ލިޔުނު ރިޕޯޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާއި ޖަޒީރާ ނޫހުގެ މަސްއޫލުވެރިޔާ އަދި އެޑިޓަރު ފައްޔާޒް ފައިސަލް އާއި އެ ނޫހުގެ ކުރީގެ ލިޔުންތެރިޔާ އަދި މިހާރު ޓީވީއެމްގެ އެސިސްޓެންޓް އެޑިޓަރު އަހްމަދު މުހުސިންގެ މައްޗަށެވެ.
އާޒިމާ ވިދާޅުވި ގޮތުގައި އެ ދެ ނޫހުގެ ފަސް ފަރާތަކާ ދެކޮޅަށް ދައުވާ ހުށަހަޅުއްވާފައިވާ އިރު، އަބުރުގެ ބަދަލުގެ ގޮތުގައި 24.3 މިލިއަން ރުފިޔާ ނަގައިދިނުމަށް، އެއިން ކޮންމެ ދައުވާއެއްގައި ހުށަހަޅާފައިވާނެ އެވެ. އެ ފަސް ދައުވާގައި ޔާމީން އެދިވަޑައިގެންފައިވާ ބަދަލުގެ ޖުމްލަ 121.5 މިލިއަން ރުފިޔާ ޖެހެ އެވެ. މި މައްސަލަތައް ޖިނާއީ ކޯޓުގައި ރަޖިސްޓަރީކޮށްފައި ވަނީ އިއްޔެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ޔާމީންގެ ނަމުގައި ސިންގަޕޫރުގެ އެޗްއެސްބީސީގައި ހުޅުވާފައިވާ އެކައުންޓެއްގައި ފައިސާތަކެއް ޖަމާކޮށްފައި ހުރި ކަމަށް ބުނެ ބައެއް ވެބްސައިޓްތަކުގައި ލިޔެފައިވާ މައްސަލަތައް ވެސް ކޯޓަށް ހުށަހެޅުމަށް މިހާރު ގެންދަނީ ދިރާސާކުރަމުންނެވެ. ނަމަވެސް ޗާޕުކޮށްގެން ޝާއިއުކުރާ މީޑިއާތަކާއި އެ ނޫން މީޑިއާތައް ހިންގުމުގައި ގާނޫނީ ގޮތުން ތަފާތުތަކެއް ހުންނާތީ، އެ ވެބްސައިޓްތަކާ މެދު ދައުވާކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މައްސަލަތައް ޗޫޒް ]އިހުތިޔާރު[ ކުރާނީ ސާބިތުވާނެ މިންގަނޑުތަކަކާއި ދައުވާކުރުމުގެ މިންގަނޑުތަކާ ހުރިހާ އެއްޗެއް ވެސް ބަލާފައި. ހަމަ މައްސަލައެއް ހޯދައިގެން ހުށަހެއް ނާޅާނެ. އެހެންވެ އެ އެއްޗެހިތައް އަޅުގަނޑުމެން ދިރާސާކުރާނެ އެކަމަކު ވެސް،" އާޒިމާ ވިދާޅުވި އެވެ.
ޔާމީންގެ ނަމުގައި ސިންގަޕޫރުގެ އެޗްއެސްބީސީގައި ހުޅުވާފައިވާ އެކައުންޓެއްގައި 45 މިލިއަން ސިންގަޕޫރު ޑޮލަރު ހުރި ކަމަށް އެންމެ ފުރަތަމަ ޝާއިއުކޮށްފައިވަނީ، ޖޫން ،3 2009ގައި މަނަދޫލައިވް ޑޮޓް ކޮމް އާއި ދިވެހި އޮބްޒާވަރު ވެބްސައިޓްގަ އެވެ. އެ ހަބަރު ޖަޒީރާ ނޫހާއި ހާމަ ނޫހުގައި ޝާއިއުކޮށްފައި ވަނީ އޭގެ ފަހުންނެވެ.
އެ ދެ ވެބްސައިޓްގައި، ޔާމީންގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓެއް ކަމަށް ބުނެ ޝާއިއުކުރި ސްޓޭޓްމަންޓެއްގައިވާ ގޮތުގައި އޭނާގެ ސިންގަޕޫރުގެ އެޗްއެސްބީސީ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު 45 މިލިއަން ސިންގަޕޫރު ޑޮލަރަށް ވުރެ އިތުރެވެ. އެއީ ޔޫއެސް ޑޮލަރުން ނަމަ ގާތްގަނޑަކަށް 32 މިލިއަން ޑޮލަރެވެ. އަދި އެ ސްޓޭޓްމަންޓުން ދައްކާ ގޮތުގައި ޔާމީންގެ ނަމުގައި ހުޅުވާފައިވަނީ ޕްރެމިއާ އެކައުންޓެކެވެ. އެއީ އެޗްއެސްބީސީގެ ބޭންކް އެކައުންޓްތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ އެކައުންޓެކެވެ. އަދި ޔާމީންގެ ނަމުގައި އެ އެކައުންޓް އޮތް ނަމަވެސް އެކައުންޓާ ގުޅޭ ހުރިހާ މުއާމަލާތެއް ކުރާނީ ސްޓޭޓްމަންޓުގައި ބުނެފައިވާ ގޮތުގައި ސިންގަޕޫރުގެ، ހެސް އެނާޖީ ކޯޕަރޭޝަންގެ މީހެއް ކަމަށްވާ ރޭމަންޑް އެސް.އެންޖީ ކިޔާ މީހެކެވެ. ހެސް އެނާޖީ ކޯޕަރޭޝަނަކީ ސިންގަޕޫރުގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވެ އެވެ.
އެ ދެ ވެބްސައިޓްގައި ހުރި އެ ވާހަކަތަކަށް ރައްދު ދެއްވަމުން، ޖޫން ހަތަރު ވަނަ ދުވަހު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވެފައިވަނީ ރާއްޖޭން ބޭރުގައި އޭނާގެ އެކައުންޓެއް ނޯންނާނެ ކަމަށާއި ދިވެހި އޮބްޒާވަރުގައި ޝާއިއުކޮށްފައިވަނީ ފޭކް ]އަމިއްލަ އަށް ހަދާފައިވާ[ ސްޓޭޓްމަންޓެއް ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން އަބުރުގެ ދައުވާކުރައްވާނެކަން ޔާމީން ހާމަކުރެއްވީ، ޖޫން 12 ވަނަ ދުވަހުގެ ރޭ ބޭއްވި ޕީއޭގެ ފުރަތަމަ ކޮންގްރެސްގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑާ އެއް ފެންވަރުގެ ސިޔާސީ މީހުން މި ވާހަކަ ] 45 މިލިއަން ޑޮލަރު ޔާމީންގެ ސިންގަޕޫރު އެކައުންޓެއްގައި ހުރުން[ ދައްކައިފި. މިހާރު މި އޮތީ ނޫސްތަކުގައި މި ވާހަކަތައް ޖަހާފައި. އަދި މީގެ ތެރެއަށް ކޮންމެވެސް ވަރަކަށް ދައުލަތުގެ މުއައްސަސާތައް ވަދެގެން ކޯޓް އަމުރެއް ނެރެން މަސައްކަތްކޮށްފި. އެހެންވީމަ މިހާ ހިސާބުން އަޅުގަނޑު މި ބުނަނީ މި ފަހަރު އަޅުގަނޑު އަބުރުގެ ދައުވާކުރާނަމޭ،" ޕީއޭގެ ފުރަތަމަ ކޮންގްރެސްގައި ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ