މަޖިލިސް ހުޅުވި ދުވަހު ހައްޔަރުކުރި 12 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވުމަށް މިދިޔަ ހޯމަދުވަހު ބޭއްވި ޖަލްސާ ހިނގަމުން ދިޔަ ވަގުތު މާލެތެރޭ ހަމަނުޖެހުން ހިންގައިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން 12 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޯޓުން އެ މީހުންގެ މުއްދަތު އިތުރުކޮށްދީފައި ވަނީ ފަސް ދުވަހަށެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި 14 މީހަކު ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.
ފުލުހުން ބުނީ މިއަދު މުއްދަތު އިތުރުކޮށްދިން މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށެވެ. މީގެ އިތުރުން މި ހަމަނުޖެހުން ތަކާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ކޯޓުން ބަންދުގެ މުއްދަތު އިތުރު ކޮށްދީފައިވާ ދެ ކުޑަކުދިންގެ ތަހުގީގު ކުރިޔަށް ދާތީ އަދިވެސް އެ ކުދިން ދޫނުކޮށްލާ ކަމަށް ފުލުހުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވަން ބޭއްވި ދެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގައިފަ އެވެ. އަދި ހޯމަ ދުވަހުގެ މުޒާހަރާގައި ވަނީ ވީޓީވި އަށް ހަމަލާދީފަ އެވެ.
ފުލުހުން ބުނީ މި ހަމަނުޖެހުންތަކާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް އަދި ވެސް ކުރަމުންދާ ކަމަށެވެ. ފުލުހުން ވަނީ މުޒާހަރާގައި ހަމަނުޖެހުން ހިންގަނިކޮށް ނަގާފައި ފޮޓޯތަކާއި ވީޑިއޯތައް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ފޯރުކޮށްދިނުމަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ