ޑރ. ޖަމީލް އަނެއްކާ ވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ

ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކެވި ކަމުގެ ތުހުމަތުގައި ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދު ޗިޓް ފޮނުވައިފި އެވެ.
ޑރ. ޖަމީލް ވިދާޅުވީ މިރޭ 30: 8 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ފޮނުވި ޗިޓާ ހަވާލުވެ ވަޑައިގެންފައިވާ ކަމަށެވެ.
"މިއީ ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑު ދަންނަވާނީ ގާނޫނަކީ ޖޯކަކަށް ފުލުހުން ހަދައިފިއޭ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް،" ހަމަ މި މައްސަލާގައި މީގެ ކުރިން ތިން ފަހަރު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ޑރ. ޖަމީލް ވިދާޅުވި އެވެ.
ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކެވި ކަމުގެ ތުހުމަތުގައި ޑރ. ޖަމީލް ފުރަތަމަ ފުލުސް އޮފީހަށް ހާޒިރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. އެ ރޭ ފުލުހުންނަށް ބަޔާން ދެއްވި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ ފުލުސް އޮފީހަށް ހާޒިރުވެ އޭނާ ވަނީ ގާނޫނު އަސާސީގައި ބުނާ ހަނު ހުރުމުގެ ހައްގުގެ ބޭނުން ހިފައިފަ އެވެ. އެކަމަކު ރޭގައި ފުލުސް އޮފީހަށް ހާޒިރުކޮށް ޑރ. ޖަމީލް ވަނީ ބަންދުކޮށްފަ އެވެ. ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު އޭނާ ދޫކޮށްލީ ކޯޓުގެ އަމުރަކަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޑރ. ޖަމީލް ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ