އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާ ބޭނުންވެގެން ގިނަ ބަޔަކު ހުށަހަޅާ: ޕޮލިސް

ހުޅުމާލޭ އަތިރިމައްޗަށް އެއްލާލާފައި އޮއްވާ މިދިޔަ ބުރާސްފަތި ދުވަހު ފެނުނު ތުއްތުތުއްތު ކުއްޖާ ބޭނުންވެގެން ކޮންމެ ދުވަހަކު ވެސް އާއްމުންގެ ގިނަ ބަޔަކު އެދެމުން އަންނަ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތުއްތު އަންހެންކުއްޖާ ގެންގުޅެ ބޮޑުކުރުމަށް ތަފާތު އެކިގޮތްގޮތަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެ ކުއްޖާ އެއްވެސް ފަރާތަކާ ހަވާލުކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ.
"ސަރުކާރުގެ ކަމާގުޅޭ ދާއިރާއަކުން މަޝްވަރާކުރުމަށް ފަހު، އެކަމަށް ގޮތެއް ނިންމާނީ،" އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗު ހިންގާ މާލޭ ހެލްތު ކޯޕަރޭޝަންގެ މީޑީއާ ކޯޑިނޭޓަރު ޒީނަތު އަލީ މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
ހުޅުމާލޭގައި ހުންނަ ވަތަނިއްޔާ އެންޓަނާއާ ދިމާލަށް ތުއްތު ކުއްޖާ އެއްލާލި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. މައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެން ފުލުހުން ވަނީ ކޯޓު އަމުރެއް ނެރެގެން ހުޅުމާލޭ ހޮސްޕިޓަލުން އެ މައުލޫމާތު ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ