ފްރާންސްގެ އުފެއްދުންތައް ބޮއިކަޓް ކުރަން ގޮވާލަނީ

ޕެރިސް (އޮކްޓޯބަރު 26): ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކުޖެހުމުގެ ގޮތުން ފަރަންސޭސި ނޫހަކުން ކުރަހާފައިވާ ކާޓޫނަށް ހިއްވަރު ދެއްވައި އެކާޓޫނު ފަރަންސޭސިވިލާތުގެ ކަންކޮޅުތަކުގައި ޝާޢިޢުކޮށް ފަތުރާނެކަމަށް ވިދާޅުވެ އެގައުމުގެ ރައީސް އިމާނުއެލް މެކްރޯން އިސްލާމް ދީނަށް ދެމުން ގެންދަވާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެތަށް ގައުމެއްގެ މުސްލިމުން ފަރަންސޭސިވިލާތުގެ އުފެއްދުންތަށް ބޮއިކަޓް ކުރަން ފަށައިފިއެވެ. ފަރަންސޭސި ރައީސާ ދެކޮޅަށް ޔޫރަޕްގެ މުސްލިމުން ކުރީގައި ފަރަންސޭސި ރައީސް މެކްރޯން ގެ މި ނާތަހުޒީބު އަމަލުތަކާ ގުޅިގެން މުސްލިމުން މިދިޔަ ހަފްތާގައިވަނީ ސޯޝަލް މީޑިއާގައި ފަރަންސޭސި އުފެއްދުންތަށް ނުގަނެ ބޮއިކަޓް ކުރުމަށް ގޮވާލާ ވަރުގަދަ ކޭންޕޭނެއް ފަށާފައެވެ. މި ކޭންޕޭންގައި ޔޫރަޕްގެ ގައުމުތަށްފަދަ ޣައިރު މުސްލިމް ގައުމުތަކުގައި ދިރިއުޅޭ މުސްލިމުން ގެންދަނީ ވަރަށް ބޮޑަށް ހަރަކާތްތެރިވިވެ އެގައުމުތަކުގެ ބާޒާރުގައިވާ ފަރަންސޭސި އުފެއްދުންތަށް އަމަލީގޮތުން ބޮއިކަޓް ކުރަމުންނެވެ. ފަރަންސޭސި ރައީސް މެކްރޯން މީގެއިތުރުން އިސްލާމީ ގައުމުތަށް ކަމަށްވާ ޕާކިސްތާން، ތުރުކީ، އަފްޣާނިސްތާން، އީރާން، އިރާގު، އުރުދުން، ފަލަސްތީނު، ކުވައިތު، މިސްރު، އަލްޖަޒާއިރު، ތޫނިސް ފަދަ މެދުއިރުމަތިގެ ގައުމުތަކާއި އޭޝިއާއާއި އެފްރިކާގެ އިސްލާމީ އެތަށް ގައުމެއްގައިވެސް މި ކޭންޕޭން މިހާރުވަނީ ފަށާފައެވެ. ތުރުކީއާއި ޕާކިސްތާނާއި އީރާނުން މެކްރޯން އަށް ވަރުގަދަ ރައްދެއް ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކުޖަހާ ކާޓޫން ޝާއިޢު ކުރުމަށް ހިއްވަރު ދިނުމުގެ އިތުރުން ފަރަންސޭސި ރައީސް މެކްރޯންވަނީ އިސްލާމްދީނަކީ ޓެރަރިޒަމަށް ހިއްވަރުދޭ އަދި ޓެރަރިސްޓުން އުފައްދާ ދީނެއްކަމަށް ސިފަކުރައްވައި އިސްލާމްދީން އިސްލާހުކުރުމަށްވެސް ލަދުވެތިކަމެއްނެތި ފާޅުގައި ގޮވާލައްވާފައެވެ. މި ނާތަހުޒީބު އަމަލާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން ވަނީ ފަރަންސޭސި ރައީސް މެކްރޯން އަކީ ނަފްސާނީ ބަލިމީހެއްކަމަށް ސިފަކުރައްވައި އޭނާ ނަފްސާނީ ކްލިނިކެއްގައި އެނދުމަތިކޮށްގެން ފަރުވާދިނުމަށް ގޮވާލައްވާފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާންވަނީ ފަރަންސޭސި ރައީސް މެކްރޯން ފާޅުކަންބޮޑު ގޮތެއްގައި އިސްލާމްދީނާ އަދި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާކަމަށް ތުހުމަތު ކުރައްވާފައެވެ. އީރާނުގެ ރައީސް ހަސަން ރޫހާނީވަނީ މެކްރޯންއަކީ އިސްލާމް ދީނަށް ހަސަދަލައިގެން އުޅުއްވާ ނާތަހުޒީބު ބޭފުޅެއްކަމަށް ސިފަކުރައްވައިފައެވެ. ބޮއިކަޓްކުރާތީ މެކްރޯން ކަންބޮޑުވެވަޑައިގެންފައި ދުނިޔޭގެ އެތަށް ގައުމެއްގެ މުސްލިމުން ފަރަންސޭސިވިލާތުގެ އުފެއްދުންތަށް ބޮއިކަޓް ކުރަންފެށުމާއެކު ބާޒާރުތަކުގައިވާ ފަރަންސޭސި އުފެއްދުންތަށް ނުވިކޭން ފެށުމުން ފަރަންސޭސި ރައީސް މެކްރޯންވަނީ އެކަމާ ހިތާމަކުރައްވައި އެއީ ފަރަންސޭސި ރައްޔިތުންނަށް އަނިޔާ ދިނުންކަމަށް ސިފަކުރައްވައި އެކަން ހުއްޓާލުމަށް މުސްލިމުންނަށް ގޮވާލައްވާފައެވެ. ނަމަވެސް ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކުޖަހައި ކާޓޫނު ކުރެހުމަށް ހިއްވަރު ދޭދިނުން ހުއްޓާނުލާނެކަމަށާ އަދި އިސްލާމްދީނަށް ދޭ ބަހުގެ ހަމަލާތަށްވެސް ހުއްޓާނުލާނެ ކަމަށް ވިދާޅުވެ މެކްރޯންވަނީ ގޮތްދޫ ކުރައްވަން ފަސްޖެހިވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ