ކޮވިޑްގެ އިތުރު 17 ކޭހާ އެކު ޖުމްލަ އަދަދު 13،000 އިން މައްޗަށް

މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް-19 ގެ އިތުރު 17 ކޭސް ފެނި މިހާތަނަށް ރާއްޖޭން މި ބަލި ޖެހުނު މީހުންގެ އަދަދު 13،000 އަށް ވުރެ އިތުރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،499 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 15 މީހުންނާއި މީހުން ދިރިއުޅޭ ރަށަކާއި އޮޕަރޭޓްކުރަމުން އަންނަ ރިސޯޓަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.
އެ ކޭސްތަކާ އެކު ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13،011 އަށް ވަނީ އަރައިފަ އެވެ.
އިތުރު 37 މީހަކު ބަލިން ރަނގަޅުވެފައިވާތީ، މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1،019 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 95 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ބަލީގައި މިހާތަނަށް މަރުވެފައިވަނީ 46 މީހެކެވެ.
ކޮވިޑް ޖެހުނު މީހުންގެ އަދަދު 12،000 އިން 13،000 އަށް އިތުރުވެފައިވަނީ 21 ދުވަހުގެ ތެރޭގަ އެވެ. މި މަހުގެ 9 އާ ހަމައަށް އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނީ 12،009 ގަ އެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެއާޕޯޓު ކްލަސްޓާ އާއި ތަރައްގީކުރަމުން އަންނަ ރިސޯޓެއްގެ ކްލަސްޓާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ