ކަލާޒްގެ "ނަމަކް އިސްކް ކާ" ޑިސެމްބަރު 7 ގައި

ކަލާޒް ޗެނެލުން އަލަށް ދައްކަން ތައްޔާރުވަމުން އަންނަ އާ ސިލްސިލާ "ނަމަކް އިސްކް ކާ" އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ ދައްކަން ފަށާ ގޮތަށް ނިންމައިފި އެވެ.
މި ސިލްސިލާގެ ޕްރޮމޯތަކެއް ވެސް ދައްކަމުން އަންނަތާ ދުވަސްކޮޅެއް ފަހުން މިހާރު ވަނީ ދައްކަން ފަށާ ތާރީހާ އެކު އާ ޕްރޮމޯއެއް ދައްކާލައިފަ އެވެ. އޭގައި ފެންނަނީ ކައިވެނި ހަފުލާއެއްގައި، ފިރިހެނަކު އޭނާ އިންނަން އުޅުނު މީހާގެ ބަދަލުގައި ކައިވެނި ހަފުލާގައި ނަށަން ހުންނަ އަންހެނަކު އަންބަކަށް ހަދާ ތަނެވެ.
"ނަމަކް އިސްކް ކާ" ގައި ދައްކަނީ ނަށައިގެން ލިބޭ ފައިސާ އިން ދިރިއުޅޭ އަންހެނެއްގެ ވާހަކަ އެވެ. އަދި އެފަދަ މީހަކަށް އިންނާނެ މީހަކު ނުލިބޭނެ ކަމަށާއި އެފަދަ އަންހެނުން އާއިލާތަކުން ބަލައި ވެސް ނުގަންނާނެ ކަމަށް ބުނެ ކުރިމަތިވާ ފުރައްސާރަ އާއި ކުރާ މަސައްކަތުގެ ސަބަބުން އަންހެނުން މެދު މުޖުތަމައު ދެކޭ ގޮތް މި ސިލްސިލާ އިން ކިޔައިދޭނެ އެވެ.
View this post on Instagram A post shared by Colors TV (@colorstv)
"ނަމަކް އިސްކް ކާ" ގެ ބަތަލާ އަކީ މި މަހުގެ ތެރޭގައި ސްޓާ ޕްލަސް އިން ނިންމައިލި ސިލްސިލާ "ޔޭ ޖާދޫ ހޭ ޖިން ކާ" ގައި ޝާއިރީގެ ރޯލް ކުޅުނު ޝުރޫތީ ޝަރުމާ އެވެ. ޝުރޫތީ އަކީ ކަލާޒް އިން މިދިޔަ އަހަރު ގެނެސްދިން "ގަޓްބަންދަން" ގެ ވެސް ބަތަލާ އެވެ. "ނަމަކް އިސްކް ކާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސްޓާ ޕްލަސް އިން ގެނެސްދިން ސިލްސިލާ "ނަޒަރު" ގައި ޖިންނިއެއްގެ ރޯލު ކުޅުނު އަދި "ބިގް ބޮސް 12" ގައި ވާދަކުރި މޮނަލީސާ އާއި އަދިތިޔާ އޮޖާ ހިމެނެ އެވެ.
View this post on Instagram A post shared by Colors TV (@colorstv)
"ނަމަކް އިސްކް ކާ" އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ ދައްކަން ފަށައި ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއަށް ރާއްޖެ ގަޑިން 8:30 ގައި ގެނެސްދޭނެ އެވެ.
ކަލާޒް ޗެނެލުން ލޮކްޑައުން އަށް ފަހު ގެނެސްދޭން ފެށި އާ ސިލްސިލާތަކުގެ ތެރޭގައި ދާދި ފަހުން ދައްކަން ފެށި "މޮލްކީ" އާއި "ޕިންޖާރާ" އާއި "އިޝްގް މޭ މަރުޖާވާ 2" އަދި "ނާގިން 5" ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ