އެމްޑީޕީން ދައްކާހާ ވާހަކައަކާ ގުޅިގެން މަޝްވަރާކުރަން ނުޖެހޭނެ: ޔާމީން

ރައޔްިތުންގެމަޖިލިސް ހުއްޓިފައިވާ ހުއްޓުން ނިމުމަކަށް ގެނައުމަށްޓަކައި އެމްޑީޕީން ދައްކާހާ ކަމަކާބެހޭ ގޮތުން މަޝްވަރާކުރަން ނުޖެހޭކަމަށް ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރަމުންދާކަން އެނގިފައިވަނީ ސިޓީއަކުން ކަމަށާއި ޕީޕީއެމަކީ މަޖިލީހުގައި ތަމްސީލް ކުރެވޭ ޕާޓީއަކަށްނުވާތީ އެކަން ހިނގަމުންދާގޮތް މުޅިން ސާފުނުވާކަމަށެވެ.
"ޑީއާރްޕީއާއި އެމްޑީޕީގެ މަޝްވަރާތަކެއް ކުރިއަށްދަނީ. އެ މަޝްވަރާތަަައް ކުރިއަށްދާގޮތާއި ތަފްސީލުތައް އަދި ނޭނގޭ. ކޮންމެގޮތެއް ވިޔަސް މަޖިލީހުގައި މަސައްކަތް ކުރެވެން ޖެހޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ނަމުގައި އެމްޑީޕީން ދައްކާ ހުރިހާ ވަހަކައަށް ބެލުމުގެ ބޭނުމެއް ނެތް ކަމަށާއި އެމްޑީޕީ ވެސް އަމަލު ކުރަންޖެހޭނީ ވަކި އަސާސެއްގެ މަތިން ކަމަށާއި އެ އަސާސަކީ ކުރެވޭވަރުގެ ކަންތައްތައް ކުރުމަށް އެދުން ނުވަތަ ބުނުން ކަމަށެވެ.
މަޖިލީހުގެ މަސައްކަތް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް މިއަދު ސިޓީއެއް ފޮނުއްވާފައިވާކަމަށާއި އަދި މާދަމާ ވެސް އެ ފަދަ ސިޓީއެއް ފޮނުއްވާނެކަމަށް ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ނުފެށި ލަސްވެގެންދަނީ މި މަހުގެ އެއް ވަނަ ދުވަހު މަޖިލިސް ހުޅުވުމަށް ބާއްވަން ހަމަޖެއްސި ޖަލްސާ ބޭއްވިޔަ ނުދީ އެމްޑީޕީގެ މެމްބަރުން ހުރަސް އެޅުމުންނެ އެވެ. މަޖިލިސް ހުޅުވަން އޮތް ޖަލްސާއަށް އެމްޑީޕީން ހުށަހަޅީ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަކީ ގާނޫނީ ވެރިއެއް ކަމަށް ގަބޫލުނުކުރާތީ އާއި އަވަސް އިންތިހާބެއް ބޭއްވުމަށް ތާރީހެއް ނުދިނުމުގެ ސަބަބުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާތޯ މަޑުކުރެއްވުމަށް ފަހު، ރައީސް ވަހީދު އެނބުރި ވަޑައިގެންނެވީ ޖަލްސާ ނުބޭއްވޭނެކަން މަޖިލީހުގެ ރައީސް އިއުލާނު ކުރެއްވުމުންނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ