ދައުލަތެއްގެ ދަރަޖަ ހޯދަން ފަލަސްތީނުން އދ. އަށް ހުށަހަޅައިފި

އދ.މަޖިލިސް (ސެޕްޓެމްބަރު 24) - މިނިވަން ދައުލަތެއް ހޯދަން ޒަމާންތަކެއް ވަންދެން އެކި ގޮތްގޮތުން ކުރި މަސައްކަތަށް ފަހު އެ ހުރިހާ ކަމެއް ދޫކޮށްލައި، އދ. މެދުވެރިކޮށް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން އިއްޔެ ހުށަހަޅައިފި އެވެ. އިޒްރޭލާއި އެމެރިކާ އިން ވަރަށް ބޮޑަށް ދެކޮޅުހަދަމުން ދަނިކޮށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އަށް ތާރީހީ ހުށަހެޅުއްވުން ހަވާލުކުރެއްވީ ޖީއެމްޓީ ގަޑިން ހުކުރު ދުވަހުގެ ހަވީރު 35: 3 (ރާއްޖޭ ގަޑިން ރޭގަނޑު 35: 8) ގަ އެވެ. އދ.ގެ ފުރިހަމަ މެންބަރަކަށް ވުމަށް ފަލަސްތީނުން ހުށަހެޅި އިރު އެ ކަމަށް އދ.ގެ 120 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނަކީ ދައުލަތެއް ކަމަށް ވަނީ ގަބޫލުކޮށްފަ އެވެ. ފަލަސްތީނު ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް ގުޅިފައިވާ ހުށަހެޅުމަށް ފަހު އދ.ގެ އާންމު މަޖިލީހުގައު ތަގުރީރުކުރެއްވުމަށް އައްބާސް ޕޯޑިއަމަށް ވަޑައިގަތުމާ އެކު މުޅި ހޯލު ތަރުހީބުގެ އަތްތިލަބަޑިން ގުގުމައިގެން ދިޔަ އެވެ. އަދި ބައެއް ބޭފުޅުން ކޮޅަށް ތެދުވެ ވަޑައިގެން ތަރުހީބު ދެއްވި އެވެ. ތަގުރީރުގައި އައްބާސް ވަނީ އިޒްރޭލުން ޔަހޫދީންނަށް ގެދޮރު ބިނާކޮށްދިނުން ހުއްޓާލާ ނަމަ ސުލްހައިގެ ވާހަކަތަކަށް އެނބުރި ދިއުމަށް ފަލަސްތީން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސޫޒަން ރައިސް އައްބާސް އަސް ތަރުހީބު ދެއްވުމަށް އަތެއް ނުޖައްސަވަ އެވެ. އަދި އައްބާސް ތަގުރީރުކުރެއްވި އިރު އިންނެވީ މޫނު ހައްދަވައިގެންނެވެ. އެމެރިކާ އިން މާ ކުރިން ވެސް ވަނީ ސަލާމަތީ މަޖިލީހުގައި ފަލަސްތީނުގެ ހުށަހެޅުން ވީޓޯކުރާނެ ކަމަށް ބުނެފަ އެވެ. ނަވެސް ފަލަސްތީނުން ނިންމާފައި ވަނީ އާންމު މަޖިލީހަށް ވެސް ހުށަހެޅުމަށެވެ. އެ ތަނުން އެކަނި ފާސްވި ނަމަވެސް އދ.ގެ މެންބަރު ނޫން "ދައުލަތެއް" ކަމަށް ފަލަސްތީނު ވެގެން ދާނެ އެވެ. މިނިވަން ދައުލަތެއްގެ ދަރަޖަ އަށް އެދި ބާންކީ މޫން އަށް ހުށަހެޅުއްވި ސިޓީގެ ކޮޕީއެއް ހިއްޕަވައިގެން ހުންނަވައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ އެދިވަޑައިގެންފައި ވާނީ ޖޫން ،4 1967 ގައި ފަލަސްތީނު އޮތް އިމުގެ ތެރޭގައި ގުދުސް އަކީ ވެރި ރަށުގެ ގޮތުގައި އޮންނަ ދައުލަތެއް ބަލައިގަތުމަށް ކަމަށެވެ. ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ދިޔަ ކަމުގައި ވިޔަސް މިނިވަން ދައުލަތެއް ހޯދަން އދ. އަށް ހުށަހަޅަން ޖެހިވަޑައިގެން ސަބަބު އައްބާސް އޮޅުންފިލުވައިދެއްވި އެވެ. އައްބާސް ވިދާޅުވީ އެގޮތަށް ކަންތައް ކުރައްވަން ޖެހިވަޑައިގަތީ ސުލްހަޔަށް ކުރި އެތައް މަސައްކަތެއް އިޒްރޭލު ސަރުކާރުން ފުނޑުފުނޑުކޮށްލާފައި ވާތީ ކަމަށެވެ. ނަމަވެސް އައްބާސް ވިދާޅުވީ އިޒްރޭލު ނިކަމެތިކޮށްލައި އެކަހެރިކޮށްލުމަކީ ފަލަސްތީނުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އައްބާސް ވިދާޅުވީ ފަލަސްތީނުން ބޭނުންވާ ހަމަ އެކަނި ކަމަކީ އިޒްރޭލުން ޔަހޫދީންނަށް ގެދޮރު ބިނާކޮށްދިނުން ހުއްޓާލުން ކަމަށާއި އެ މަސައްކަތަކީ ދެ ދައުލަތް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ. ފަލަސްތީނުގެ ހުށަހެޅުމާ އެކު އިޒްރޭލުން ވަނީ ހަރުކަށިކަމާ އެކު ރައްދު ދީފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫގެ ތަރުޖަމާނަކު ވިދާޅުވީ ފަލަސްތީނުން ކަންތައް ކުރި ގޮތާ މެދު ހިތާމަކުރާ ކަމަށެވެ. ފަލަސްތީނުގެ ހުށަހެޅުން ސެކްރެޓަރީ ޖެނެރަލް ދެން ފޮނުއްވާނީ ސަލާމަތީ މަޖިލީހަށެވެ. ނަމަވެސް އެމަޖިލީހުގައި ހުށެހެޅުމާ މެދު ވޯޓަކަށް އަހާނީ ހޫނު ބަހުސްތަކެއް ކުރުމަށް ފަހު އަދި ދުވަސްކޮޅެއް ފަހުން ކަމަށް ވަނީ ބެލެވިފަ އެވެ. ރައީސް އައްބާސް އދ.ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައި ތަގުރީރުކުރެއްވި އިރު ފަލަސްތީނުގެ ރާމަﷲގެ މަގުތަކުގައި ބޮޑެތި ސްކްރީން ބަހައްޓައިގެން އެ މަންޒަރުތައް ބަލަމުން ދިޔަ އެވެ. ފަލަސްތީނުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ދިޔައިރު އިޒްރޭލުގެ ސަލާމަތީ ބާރުތަކާ ފަލަސްތީނުގެ އާންމުންނާ ދެމެދު ކުރިމަތިލުންތައް ވެސް ވަނީ ހިނގައިފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ