އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު: ކަރުދާހުގައި ވޯޓުލާ ގޮތަށް އަންނަ ހުކުރު ދުވަހު އިންތިހާބު ބާއްވަން ނިންމައިފި

އެސްއެމްއެސް ފޮނުވުމުގައި މައްސަލަތައް ދިމާވެގެން އިއްޔެ ވޯޓުލުން ހުއްޓާލައި، ކެންސަލްކުރި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވައި، ކަރުދާހުގައި ވޯޓުލާ ގޮތަށް ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.ޕާޓީގެ ސެކެއްޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ މިއަދު މެންދުރު އިންތިހާބާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ނިންމާފައި ވަނީ ދާއިރާތަކުގެ އިންތިހާބު ދެން ކުރިޔަށް ގެންދާނީ ވޯޓު ފޮށި ބަހައްޓައި ކަރުދާހުގައި ވޯޓުލައިގެން ކަމަށެވެ.ޝާހު ވިދާޅުވީ ވޯޓު ކަރުދާސް ބޭނުން ކޮށްގެން ވޯޓުލާން ނިންމި ނަމަވެސް އެސްއެމްއެސް ބޭނުން ކޮށްގެން ވޯޓުލާން ކުރިން ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު އަދިވެސް އޮންނާނެ ކަމަށެވެ.އޭނާ ވިދާޅުވީ އޮކްޓޫބަރު އެއްވަނަ ދުވަހު ވޯޓުލުން އޮންނީ އެދުވަހު 14:30 އިން 19:00 އަށް ކަމަށާއި ނަމަވެސް މާލޭގައި އަދި ވޯޓުލާނެ ތަނެއް ކަނޑަނާޅާ ކަމަށެވެ."އެކަން ގެންދާނެ ގޮތެއް އަޅުގަނޑުމެން ފަހުން އިއުލާނު ކުރާނަން،"އިއްޔެ، އިންތިހާބުގެ ވޯޓު ކެންސަލް ކުރީ އެމެރިކާގެ "ޕޯލްއެވްރީވެއާ" މެދުވެރިކޮށް އެސްއެމްއެސް ފޮނުވައިގެން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި 6000 އަށްވުރެ ގިނަ މީހުން ވޯޓުލާފައި ވަނިކޮށެވެ. މީގެ އިތުރުން އިންތިހާބު ކެންސަލް ކުރިއިރު ކެމްޕޭނަށް ގިނަ ހަރަދުތައް ކޮށްފައިވާ ވަރަށް ގިނަ ކެންޑިޑޭޓުން ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުން ވެފައިވާ ކަމަށް ބުނެ ޝަކުވާތައް ކޮށްފައެވެ.އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި 350 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ