ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން މަސައްކަތްކުރީ، ހެކި ހޯދުމަށް ވަގުތު ބޭނުންވެގެން: ޔާމީން

14:30އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން މަސައްކަތްކުރީ، އެބޭފުޅުންގެ މައްޗަށް ކުރެވޭ އެއްވެސް ހަގީގަތެއް ނެތް ތުހުމަތު ގަސްތުގައި ސާބިތުކުރުމަށް ބޭނުންވާ ހެކި ހޯދުމަށް ވަގުތު ބޭނުންވެގެން ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.ޕީއޭގެ ރައީސް އަދި މުލަކު ދާއިރާގެ މެމްބަރު މިހެން ވިދާޅުވެފައި މިވަނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވައިފައިވާކަމުގެ ތުހުމަތުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މި މަހުގެ 15 ވަނަ ދުވަހުގެ ރެ އާ ހަމައަށް އެ ދެ ބޭފުޅުން ގޭބަންދުގައި ބޭތިއްބުމަށް ހައިކޯޓުން ހުކުމްކުރުމާ ގުޅިގެން، ސަންއެފްއެމްގެ ބްރޭކިންގް ނިއުސް އަށް ހައިކޯޓޫގައި ރޭ ދެއްވި އިންޓަވިއުއެއްގަ އެވެ.ޔާމީނާއި ގާސިމްގެ މައްޗަށް ކުށް ސާބިތުކުރުމަށް އެއްވެސް ހެއްކެތް ފުލުހުންނަށް މިހާނަތަނަށް ދެއްކިފައިނުވާއިރު، 15 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް ހުކުމް ކުރެއްވުމުން އެ ބޭފުޅުންނަށް ޤާނޫނު އަސާސީގެ ދަށުން ލިބިވަޑައިގަންނަވާ ކުށުން ބާރީއަވެގެންވާ މީހެއްގެ ހައްގު ގެއްލިގެން ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި، ޝަރީއަތުން އެގޮތަށް ހުކުމް އިއްވެވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފޮނުއްވާފައިވާ ސިޓީފުޅުތަކެއްގެ މައްޗަށް ބައްލަވާފައި ކަމަށް އިސް ފަނޑިޔާރު ވިދާޅުވާއިރު، އެ ސިޓީތަކާ ބެހޭ ގޮތުން ފުލުހުން އެ ބޭފުޅުންނާ އެއްވެސް ސުވާލެއްކޮށްފައިނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.މީގެ އިތުރުން، ޔާމީނާއި ގާސިމާ ދެކޮޅަށް ފުލުހުން ހެކި ހޯދަންދެން ނުވަތަ ތަހުގީގު ކުރިއަށް ގެންދަންދެން، އެ ބޭފުޅުންވީ 3 ދުވަހާއި، 15 ދުވަހާއި އަދި 45 ދުވަހާއި އެއް އަހަރު ދުވަސް ވަންދެން ބަންދުގައި ތިބެންތޯވެސް އޭނާ ސުވާލުކުރެއްވި އެވެ.ރޭ އޮތް ޝަރީއަތުގެ މަޖިލީހަށްފަހު ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ގާސިމް އިބްރާހިމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޤާނޫނު އަސާސީގައިވާ ކަންކަމަށް ރިއާޔަތްކުރައްވާއިރު އޭނާއާއި ޔާމީން ބަންދުގައި ބެއިތިއްބޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. ތުހުމަތެއްގައި ބަންދުކުރެވޭ މީހެއްގެ ތަހުގީގު އަވަހަށް ނިންމުމަށް ޤާނޫނު އަސާސީގައި ބުނެފައިވާއިރު ހައިކޯޓުން އެ ބޭފުޅުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ހުކުމްކުރެއްވީތީ ހިތާމަކުރައްވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ.އަދި ޑިމޮކްރެސީގެ މާފަތި ކަރުގައި އަޅުއްވާ ހުންނަވައިގެން ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ އަނިޔާވެރި ކަންތައްތަކަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށްވެސް  ގާސިމް ވިދާޅުވި އެވެ.މި ކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ