މިހާލަތުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިރުޝާދު ދެއްވާ: މުންދު

ކޮވިޑް-19 ވަބާ ދިވެހިރާއްޖެއިން ފެނުމާއެކު، ކުރިމަތިވެފައިވާ ޙާލަތުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޔާމީން އިރުޝާދުދެއްވާ ކަމުގައި އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ. މުންދު މިފަދައިން ވިދާޅުވީ ރޭ ޗެނަލް 13 ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީނުގެ އިރުޝާދު ކޮންމެ ދުވަހަކުވެސް ޕާޓީގެ އިސްވެރިންނަށް ލިބިވަޑައިގަންނަވާ ކަމުގައި މުންދު ވިދާޅުވިއެވެ. މަދުން ނަމަވެސް ޕާޓީގެ ވެރިންނަށް ރައީސް ޔާމީނާ ބައްދަލުކުރެއްވޭ ޙާލަތުގައާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން މެދުވެރިކުރައްވައިވެސް އެމަނިކުފާނު އިރުޝާދުދެއްވަމުން ގެންދަވާ ކަމުގައެވެ. އެގޮތުން މުންދު ފާހަގަކުރެއްވި ގޮތުގައި ކޮވިޑް-19އާ ގުޅިގެން ލޭ ހޯދުމުގައި ދަތިތަކެއް މެދުވެރިވާ ޚަބަރު ލިބިވަޑައިގަތުމާއެކު، ލޭ ހަދިޔާކުރުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން އިސްނަގައިގެން ފެށުމަށް އެދިވަޑައިގެންނެވީ ރައީސް ޔާމީން ކަމުގައެވެ. އަދި މިހާރު ސަރުކާރުގެ ފަރާތުން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ދަރުމަވެރިން ބޭނުންވާތީ އަކަމުގައިވެސް އެހީތެރިވެ ވޮލެންޓިއަރުން (ދަރުމަވެރިން) ޕާޓީން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމުގައިވެސް މުންދު ފާހަގަކުރެއްވިއެވެ. މިވަގުތު ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމް ތަންފީޒުކުރުމަށް ޖަލުގައި ހުންނެވުމަށް އިޝާރާތްކުރައްވައި މުންދު ވިދާޅުވީ މިފަދަ ދަނޑިވަޅުގައި ރައީސް ޔާމީން ވަޑައިގެން ނެތް ކަމުގެ އިޙުސާސް ވަރަށް ބޮޑަށް ކުރެއްވޭ ކަމުގައެވެ. އަދި ރައީސް ޔާމީނަކީ ކާރިސާތަކާ ކުރިމަތިލެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައިވެސް މުންދު ފާހަގަކުރެއްވިއެވެ. އެގޮތުން ވެރިކަމުގައި ކުރިމަތިވި ފެނުގެ ކާރިސާއާ ދެކޮޅަށް ރައީސް ޔާމީން މަސައްކަތްކުރެއްވި ކަމުގައާއި އޭގެ ކުރިން ރައީސް މައުމޫނު ވެރިކަމުގައި ގަލްފު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ މުސްތަޤުބަލަށް ވާނެ ގޮތަކާމެދު ޝައްކު އުފެދިފައިވާ ދަނޑިވަޅެއްގައި އެކަމާ ގުޅިގެން ރައީސް މައުމޫނު އުފެއްދެވި ޓާސްކުފޯހުގެ އިސްވެރިޔަކަށް ރައީސް ޔާމީން ހުންނެވިކަންވެސް މުންދު ފާހަގަކުރެއްވިއެވެ. ރޭގެ ޕްރޮގުރާމުގައި މުންދުވަނީ ރައްޔިތުން މަޖިލިހުގެ ރައީސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދަކީ ދިވެހިރާއްޖެއަށް ރަނގަޅު ކަމެއް ލިބެން އުޅުނަސް ވާހަކަފުޅު ދައްކަވައިގެން އެކަމެއް އަޔަ ނުދެއްވާ ބޭފުޅެއް ކަމުގައާއި މިފަދަ ވަގުތެއްގައި ހަމައެކަނި ނަޝީދުގެ ވާހަކަފުޅުތައް ހުއްޓުވުމަށް ނަމަވެސް  ރައްޔިތުން މަޖިލިސް ހުއްޓުވާލަން ޖެހޭ ކަމުގައި މުންދު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ