ދެވަނަ ދައުރަކަށް ހޮވުނު ނަމަ ވިލިމާލެ ބްރިޖު ހިލޭދޭނެ ކަމަށް ޗައިނާއިން ބުނި: ޔާމީން

ދެވަނަ ދައުރަކަށް ހޮވުނު ނަމަ ވިލިމާލެ ބްރިޖު ހިލޭދޭނެ ކަމަށް ޗައިނާ ސަރުކާރުން ބުނި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވިލިމާލެ ބްރިޖާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަރައްގީގެ ޕްލޭންގެ ތެރެއިން އަޅާ ތިލަމާލެ ބުރިޖަކީ އެމަނިކުފާނު ބުރިޖެއް އެޅުއްވީތީ ކުރައްވާ މަސައްކަތެއް ކަމަށެވެ.
ނަމަވެސް ވިލިމާލެ ބުރިޖުގެ މަސައްކަތާއި ކުރާ ހަރަދާ ނުބައްދަލުވާ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވުނުނަމަ އެ ބުރިޖު ހިލޭ އަޅައިދޭނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވި ކަމަށެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ ދަށުން މާލެއިން ވިލިމާލެއަށް އަޅާ ބްރިޖުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ އޮގަސްޓް މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އިން ދާދި ފަހުން ވަނީ ބުނެފައެވެ.
މިހާރު ބްރިޖްގެ ކުރަމުންދާ މަސައްކަތަކީ ބްރިޖް މަޝްރޫއުގެ ޖިއޯޓެކްނިކަލް ސާވޭތަކުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ. އެ މަސައްކަތް ނިންމާލެވޭނީ އަންނަ އޮކްޓޯބަރު މަހުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު ބްރިޖްގެ މަސައްކަތް ކުރުމަށް 88 އިންޖިނިއަރުންނާއި 500 މަސައްކަތު މީހުން ރާއްޖޭގައި އެބަތިއްބެވެ. އަދި ބާކީ 76 އިންޖިނިއަރުންނާއި 727 މަސައްކަތު މީހުން އަންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހަދާނެއެވެ.
މި ބްރިޖް މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ހިމަނާފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.
ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެޖެވެ. ބްރިޖްގެ އުމުރު 120 އަހަރުވާން ދެން ހިފަހައްޓާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ