ޔާމީން ކޮމަންޑޫ އަށް ވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ށ.ކޮމަންޑޫ އަށް ވަޑައިގެންފި އެވެ.
ޔާމީން ކޮމަންޑޫ އަށް ވަޑައިގެންނެވީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑީގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީ އާދަމްގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުންނެވެ.
ކޮމަންޑޫ އަށް ޔާމީން ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށު ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ.
މި ދަތުރުފުޅުގައި ކޮމަންޑޫގެ އިތުރުން ފޯކައިދޫ އާއި މަރޮށި އަދި ފުނަދޫ އަށް ވެސް ޔާމީން ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުނަދޫ އަށް ޔާމީން ވަޑައިގަންނަވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުންނެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ