ފައިސާ ނޫން އެއްޗެއް ޔާމީން ބޭނުމެއް ނުވޭ: ޔައުގޫބު

ފައިސާ ނޫން އެއްޗެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރޭ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޔައުގޫބު ވިދާޅުވީ ޔާމީނަކީ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށާއި ޔާމީންގެ ސަރުކާރު ފުރަތަމަ ހިންގަން ހަވާލުކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި އޭގެފަހުން ސަރުކާރު ހިންގަން ހަވާލުކުރެއްވީ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ ކަމަށެވެ.
އެގޮތުން ޔާމީން ބޭނުންފުޅުވީ ފައިސާ ކަމަށާއި ޖަލުން ސަލާމަތްވެވަޑައިގެން ވަގުތުން ވެސް އުޅުއްވީ ފައިސާއާ ގުޅޭ ކަންކަމުގައި ކަމަށް ޔައުގޫބު ވިދާޅުވި އެވެ.
"ކުރީގެ އިނާޔަތްތައް ހޯދަން، އަދި މި އުޅެނީ ދެ ދުވަސް ނުވެގެން. ދޭންޖެހޭ އެއްވެސް އެއްޗެއް ވެއްޖެއްޔާ މި ސަރުކާރުން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރަމުން ގެންްދާނެ" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވެރިކަމަށް އަންނަން ބޭނުންވަނީ ވެސް ފައިސާގެ ދަހިވެތިކަމުގައި ކަމަށްވެސް ޔައުގޫބު ވިދާޅުވި އެވެ.
މަނީލޯންޑްރިންގެ ކުށުގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ކަނޑައެޅުމުން ޔާމީން މިހާރު ވަނީ މިނިވަން ވެފަ އެވެ. ނަމަވެސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދައުވާތަކެއް މިހާރުވެސް އުފުލާފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ކޯޓުތަކުގައި އަންނަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ