ހޯރަފުށީގެ އާ މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ހދ. އަތޮޅަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅުގައި ހއ. ހޯރަފުށީގެ އާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ދީނީ ކަންތައްތައް ކުރިއަށް ގެންދަނީ ދީނީ ދަންނަބޭކަލުންގެ އިރުޝާދުގެ މަތިން ކަމުގައި ވިދާޅުވި އެވެ. އަދި ދީނީ ކަންކަމަކީ އެކަމުގެ ހުނަރު ލިބިގެން ޒަމާނީ ހޭލުންތެރިކަމާއެކު މިހާރު ކުރެވެން އޮތް ކަމެއްކަން ފާހަގަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދީނާ ގުޅޭ ކަންކަން ހިންގަވައި ދެއްވުމުގަޔާއި ލަފާދެއްވުމުގަޔާއި ސިޔާސީ ގޮތުން ވެސް ސަރުކާރަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި ލަފާފުޅުތަކަށްޓަކައި މިނިސްޓަރު އޮފް އިސްލަމިކް އެފެއާޒް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރުއަދާކުރެއްވި އެވެ.
މިސްކިތުގެ ބިންގާ އަޅައިދެއްވުމަށް ފަހު ހއ. އަތޮޅު މަދްރަސާގައި އިމާރާތް ކުރާ 12 ކްލާސްރޫމްގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ އެ މަދުރަސާއަށް ކުރެއްވި މި ޒިޔާރަތުގައި އެ މަދުރަސާގެ އިސްވެރިންނާއި މުދައްރިސުންނާ ބައްދަލުކުރައްވައި ކިޔަވައިދިނުމުގެ ކަންތައްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދެވި އެވެ.
މީގެއިތުރުން ހޯރަފުށީ ސިއްހީ މަރުކަޒުގައި ގާއިމުކުރި ޓެލެ-މެޑިސިން ޔުނިޓްވެސް ރައީސް މިއަދު ހެނދުނު އިފްތިތާހުކޮށްދެއްވި އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން އަބޫދާބީ ފަންޑުގެ އެހީތެރިކަމާ އެކު، ރާއްޖޭގެ 35 ރަށެއްގައި ޤާއިމުކުރެވޭ ޓެލެމެޑިސިން ޔުނިޓްތަކަކީ ސީއްހީ ދާއިރާގައި ޒަމާނީ ޓެކްލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަދަނައިގެ ދަށުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުވައި ދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވި އެވެ. މިގޮތުން ކުރިއަށް އޮތްތަނުގައި މަދަނައިގެ ދަށުން ޔުނިވާސަލް ހެލްތް ކަވަރޭޖް ފޯރުކޮށްދިނުމަށް ގާނޫނީ ގޮތުންކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށާއި، އެކަމާ ގުޅޭގޮތުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އެ ބިލް މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި ވޯޓާ ހަމައަށް ދިޔުމާ ހިސާބުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ހުރިހާ ދާއިރާއެއްގައި ވެސް ހިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރުންކަން ފާހަގަކުރައްވަމުން ޓެލްމެޑިސިންގެ ޚިދުމަތް ތައާރަފްވުމުން ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.
ރައީސް ވިދާޅުވީ ހޯރަފުށީ ސިއްހީ މަރްކަޒުގައި ޓެލެމެޑިސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް މިހާ ކާމިޔާބުކޮށް ކުރިއަށް ގެންދެއްވިކަމަށްޓަކައި، މިނިސްޓާ އޮފް ހެލްތް އެންޑް ފެމިލީ ޑރ. އާމިނަތު ޖަމީލަށާއި، ހެލްތް ކޯޕަރޭޝަނަށާއި، ޤައުމީ އިދާރާއަށާއި، އަދި މިމަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ