ސަބްސިޑީ ދިނުމުގައި ހަމަހަމަ އުސޫލަކުން ހުރިހާ ރައްޔިތުންނަށް އެ ފައިސާ ބެހުމަށް އިދިކޮޅު ޕީއޭއިން ސަރުކާރަށް ގޮވައިލައިފި

14:30ސަބްސިޑީ ދިނުމުގައި ކޮރަޕްޝަންގެ މައްސަލަ އުޅޭތޯ ބެލުމަށް މިނިވަން ބަޔަކާ ހަވާލު ކުރުމަށާއި، އެ ފައިސާ ހަމަހަމަ އުސޫލަކުން ހުރިހާ ރައްޔިތުންނަށް ބެހުމަށް އިދިކޮޅު ޕީއޭއިން ސަރުކާރަށް ގޮވައިލައިފި އެވެ.ޕީޕަލްސް އެލަޔަންސްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފު އާދަމް ވިދާޅުވީ، އެކި ކަންކަމަށް ސަރުކާރުން ދޭން ހަމަޖައްސާ ސަބްސިޑީއަކީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ބަހަންޖެހޭނީ ވަކި ތަނެއްގައި ތިބި ވަކި ބަޔަކަށް ނޫން ކަމަށާއި، އެ ފައިސާ ބަހަންޖެހޭނީ ހުރިހާ ރަށެއްގައި ތިބި އެންމެހާ ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.ޝަރީފު އަދި ވިދާޅުވީ، ވަކި ވަރަކަށް ވަކި ބަޔަކަށް ސަބްސިޑީ ދިނުމާއި، އެކަމުގައި ކޮރަޕްޝަން މައްސަލަތައް އުޅޭކަމަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ. އެހެންކަމުން އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާކަމެއް ހިނގާތޯ ބެލުމުގެ ކަންތައް މިނިވަން ބަޔަކާ ހަވާލުކޮށްގެން ބަލަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިހާރު ސަރުކާރުގެ ވިސްނުން ހުރީ ހުރިހާ ކަމަކަށް، ސަބްސިޑީ ދޭ އުސޫލު ގެންގުޅުމަށް ކަމަށާއި، ނަމަވެސް އެކަމަށް ރަނގަޅު އުސޫލުތަކެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން އެތައް ރައްޔިތުންނެއް އެކަމުން މަހުރޫމުވާކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އަދި އެ އެހީ ދޭނެ ގައިޑް ލައިނެއް އެކުލަވާލާފައި ނެތް ކަމަށާއި އެކަންތައް ސަރުކާރުން ކުރިއަށް ގެންދަނީ ބޭނުން ގޮތަކަށް ކަމަށް ވެސް ޝަރީފު ތުހުމަތު ކުރެއްވި އެވެ.ޝަރީފު އަދި ވިދާޅުވީ ކަރަންޓަށް ސަބްސިޑީ ދިނުމަށް ފަސް މަސް ދުވަހުގެ މުއްދަތެއް ސަރުކާރުން ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި ފްލެޓްތަކަށް ސަބްސިޑީ ދިނުމަށް ނިންމާފައިވަނީ ވެސް ވަކި ފަރާތްތަކަކަށް އެހީ ދިނުމުގެ ބޭނުމުގައި ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ