ޗެމްޕިއަންސް އޮފް ދި އާތް އެވޯޑާއި ގުޅިގެން ރައީސަށް ހޫނު މަރްޙަބާއެއް ކިއުމަށް ތައްޔާރުވަމުން އެބަދޭ: ރައީސް އޮފީސް

14:30އދ.ގެ ޗެމްޕިއަންސް އޮފް ދި އާރތް އެވޯޑް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ކިއުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެފަރާތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމަނިކުފާނަށް މަރްޙަބާ ދެންނެވުމުގެ އިންތިޒާމްތައް ކުރިއަށް ގެންދަވަނީ ރާއްޖޭގެ އަމިއްލަ ބައެއް ޖަމާޢަތްތަކުން ކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އަނބިކަނބަލުން ލައިލާ ޢަލީ، ދެކުނު ކޮރެއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.ޔޫ.އެން. ޗެމްޕިއަންސް އޮފް ދި އާރތް އެވޯޑް" އަކީ، ދުނިޔޭގެ ސަލާމަތަށް، އެބޭފުޅުންގެ ދުރުވިސްނެވުމާއެކު، ދެމެހެއްޓެނިވި ގޮތުގައި ދުނިޔޭގެ ވަސީލަތްތައް ބޭނުންކުރެއްވުމާއި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތުގައި ތަރައްޤީ ޙާޞިލު ކުރުމަށް ކެނޑިނޭޅި މަސައްކަތްޕުޅު ކުރެއްވުމުގައި ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް، އެބޭފުޅުންގެ މަސައްކަތްޕުޅުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އ.ދ.އިން ދޭ އެވޯޑެކެވެ. ރައީސް ނަޝީދަށް މިއެވޯޑު ލިބިވަޑައިގަތީ، ޕޮލިސީ އަދި ލީޑަރޝިޕްގެ ދާއިރާއިނެވެ.ރައީސުލްޖުމްހޫރިއްޔާ އަށް މީގެކުރިންވަނީ ސްވިޑްންގައި ދެވޭ އެންމެ ޝަރަފްވެރި އެއް އިނާމު ކަމުގައިވާ އަނާ ލިންދު އެވޯޑް މިދިޔަ އަހަރު ލިބިވަޑައިގެންފަ އެވެ. އަދި މިދިޔަ އަހަރު ޓައިމް މެގަޒިންއިން "ހީރޯޒް އޮފް ދި އެންވަޔަރަންމަންޓް"ގެ ގޮތުގައި ހޮވި ބޭފުޅުންގެ ތެރޭގައިވެސް އެމަނިކުފާނު ވަނީ ހިމެނިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ