މާލޭގެ މޭޔަރު ކަމުން އާދަމް މަނިކު އިސްތިއުފާ ދެއްވައިފި

މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް ދަތިތަކެއް އެބަހުރި ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ކަމުގެ މަގާމުން ސަރަނގު އާދަމް މަނިކު މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓެރީ މުހައްމަދު ޒުހައިރު ވިދާޅުވީ އާދަމް މަނިކު އިސްތިއުފާ ދެއްވުމާ ގުޅިގެން ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އޮން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓްގެ މަގާމަށް އާދަމް މަނިކު ހަމަޖައްސަވާފައިވާ ކަމަށެވެ.
އާދަމް މަނިކު އިސްތިއުފާ ދެއްވާފައި މި ވަނީ ކައުންސިލްގައި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މި ހަފުތާގައި ހުށަހެޅުމަށް ފަހު އެ ހުށަހެޅުން އަނބުރާ ގެންގޮސްފައި ވަނިކޮށެވެ.
އާދަމް މަނިކު މިރޭ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ މަގާމުގެ ޒިންމާ އަދާކުރެއްވުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ.
"އަޅުގަނޑު އިސްތިއުފާ ދިނީ ކައުންސިލް ތެރެއިން އަންނަ ފިއްތުންތަކާ އެކު އަދި ކައުންސިލްގެ އެހެން ބައެއް މެންބަރުންގެ ވެސް ޕާސަނަލް އުންމީދު ތަކެއް ހުރުމުން މަގާމު އަދާކުރުމަށް ދަތިތަކެއް ހުންނާތީ. އަޅުގަނޑު މި މަގާމު އަދާކުރަމުން މި އަންނަނީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަންތައްތަކެއް ކޮށްދިނުމަށްޓަކައި. އަޅުގަނޑަށް އެ ޒިންމާ ނުނެގޭ ކަމަށް ވަނީ ނަމަ މަގާމުގައި ހުރުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކެން. އެހެންވެ އަޅުގަނޑު އިސްތިއުފާ މި ހުށަހެޅީ،" އާދަމް މަނިކު ވިދާޅުވި އެވެ.
މޭޔަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ކައުންސިލްގައި އާދަމް މަނިކު ހުންނަވާނެ އެވެ. މަހަކު 25،000ރ. ލިބޭ އެ މަގާމު ފުރުއްވާއިރު ސްޕެޝަލް އެންވޯއީ ކަމުގެ މަގާމަކީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ. އެ މަގާމުގެ މުސާރަ އަކީ 42،000ރ. އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ އާދަމް މަނިކު މޭޔަރު ކަމުގައި ހުންނަވައިގެން މުރާލިކަމާ އެކު ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށްޓަކައި އާދަމް މަނިކަށް ރައީސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މޭޔަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހު އެ މައްސަލަ އަނބުރާ ގެންދެވީ މޭޔަރުގެ މަގާމަށް ހޮވުމަށްޓަކައި ގިނަ މެމްބަރުން ބޭނުންވި މައިޒާން އަލިބެ ރަށުގައި ވަޑައިގެން ނޫޅުއްވާތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އިބްރާހިމް ޝުޖާއު ހަވީރަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ އާދަމް މަނިކުގެ ބަދަލުގައި މޭޔަރުގެ މަގާމަށް ކުރިމަތިލެއްވުމަށް މައިޒާން އަލިބެ ޝައުގުވެރިކަން ފާޅުކުރައްވައި ލޮބީ ވެސް ކުރެއްވި ކަމަށެވެ. އަދި ޝުޖާއު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ވެސް މޭޔަރު ކަމަށް މައިޒާން އަލިބެ ހޮވުމެވެ.
ޝުޖާއު ވިދާޅުވެފައި ވަނީ ކައުންސިލުން ނިންމި ބައެއް ކަންކަން މިހާތަނަށް ވެސް ކުރެވިފައި ނެތް ކަމަށާއި އެހެންވެ މޭޔަރުގެ މަގާމުން ސަރަނގު އާދަމް މަނިކު ކޮންމެހެން ވެސް ދުރުކުރަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ