ޔަގީނުން ވެސް ފެނަކައަކުން މިހާރު ވައްކަމެއް ނުކުރާނެ: އެމްޑީ ސައީދު

ފެނަކައިން މިހާރު ރައްޔިތުންގެ ފައިސާގައި ނުޖެހޭނެ ކަމަށާއި އެ ކުންފުނިން ވައްކަން ނުކުރާނެ ކަމުގެ ޔަގީންކަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ “ޕީއެސްއެމް” އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ފެނަކައިން ކުރިން ހިންގަމުންދިޔަ ވައްކަމުގެ އެއްވެސް މުއާމަލާތެއް މިހާރަކު ނުހިނގާނެ ކަމަށާއި އަދި އެފަދަ ޒާތުގެ އަމަލެއް ނުވެސް ހިންގޭނެ ކަމަށެވެ.
ސައީދު ވިދާޅުވީ ކޮވިޑް19 ގެ މި ދަނޑިވަޅުގައި ފެނަކައިން ވެސް މަސައްކަތުގެ މާހައުލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ކޮވިޑް19ގައި މުޅި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ހަމައެކަނި ފްރަންޓްލައިންގައި 350 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރަށެއް މޮނީޓަރިން ނުވަތަ ލޮކްޑައުން ހާލަތަށް ގޮސްފިނަމަ އެރަށެއްގެ އިންޖީނުގޭގެ އޮފީހުގައި ނުވަތަ ފެންޕްލާންޓް ހައުސްތަކުގައި ލޮކްޑައުން ކޮށްގެން ހިދުމަތް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކޮވިޑް19 ގެ މި ހާލަތުގައިވެސް ރަށްރަށުގައި އެ ކުންފުނިން ކުރިޔަށް ގެންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދަމުން އަންނަ ކަމަށެވެ. އެގޮތުން އިންޖީނުގެތައް އަޕްގްރޭޑްކޮށް، އާ އިންޖީނުގެތައް އެޅުމާއި، އޮފީސް އެޅުމާއި ނެޓްވޯކް އަޕްގްރޭޑް ކުރުމާއި ޓްރާންސްފޯމާ ބެހެއްޓުމާއި އިންޖީނު ބެހެއްޓުމާއި ފެން ޕްލާންޓް ބެހެއްޓުމާއި ފެން ނެޓްވޯކުގެ މަސައްކަތްތައް ކުރިއެކޭވެސް އެއްގޮތަށް ކުރިޔަށް ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ