އީރާނުން ވެނެޒުއެލާއަށް ފޯރުކޮށްދޭ ތެލަށް މަޑޫރޯ ޝުކުރު އަދާކުރައްވައިފި

ތެލަށް ޖެހިފައިވާ ވެނެޒުއެލާއަށް ތެޔޮ ފޯރުކޮށްދިނުމަށް އީރާނުގެ 5 ތެޔޮ ޓޭންކަރު އެ ޤައުމަށް ދަތުރުކުރަމުން އެބަދެއެވެ. އެ ބޯޓުތަކުގެ ތެރެއިން މައި އުޅަނދު ވަރަށް އަވަހަށް ވެނެޒުއެލާގެ މައި ތެޔޮ ކުންފުނި ޕީޑީވީއެސްއޭއިން ހިނގާ ބަނދަރަކަށް ވަރަށް އަވަހަށް ގާތްކުރާނެއެވެ.
ވެނެޒުއެލާގެ ތެޔޮ ސާފުކުރާ ސިނާޢަތުން މީގެ ކުރިން ދުވާލެއްގެ މައްޗަށް 1.3 މިލިއަން ތެޔޮ ފީފާ އުފައްދައެވެ. ނަމަވެސް މި އަހަރު އެ ޢަދަދުގެ 10 އިންސައްތަވެސް އެ ޤައުމަށް ނުއުފެއްދެއެވެ. އެހެންކަމުން ބޭރު ޤައުމުތަކުން އެތެރެކުރާ ތެލުގެ މައްޗަށް ބަރޯސާވާން އެ ޤައުމަށްވަނީ މަޖުބޫރުވެފައެވެ. ނަމަވެސް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ތެޔޮ އެތެރެކުރެވޭ ޤައުމުތަކާއި ބާވަތްތައްވަނީ ކޮންޓްރޯލުކުރެވިފައެވެ.
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯވަނީ އީރާނުން ފޯރުކޮށްދޭ އެހީތެރިކަމަށް އެ ޤައުމަށް ޝުކުރު ޢަދާކުރައްވާފައެވެ. އަދި އެ އުޅަނދުތަކުގައި ގެސޮލިނާއި ތެޔޮ ސާފުކޮށް ގެސޮލިން އުފައްދުމަށް ބޭނުންވާއ އެއްޗެހި ގެންނަކަމަށް އޭނާ ވިދާޅުވިއެވެ. ގެންނަނީ ކިހާ ޢަދަދެއްގެ ތެޔޮކަމެއް ޕީދީވީއެސްއޭއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރުކާރާއި އެހެން މަސްދަރުތަކުން ލިބުނު މައުލޫމާތުގެ މައްޗަށް ބަލާއިރު 1.53 މިލިއަން ފީފާގެ ގެސޮލިންނާއި އެހެން ސާމާނު އީރާނުން ފޯރުކޮށްދޭކަމަށް ބެލެވެއެވެ.
އީރާނުގެ އެ ނިންމުމަކީ އެމެރިކާގެ ފަރާތުން ފާޑުކިޔުން ރައްދުވެފައިވާ ނިންމުމެކެވެ. ވެނެޒުއެލާގެ އިތުރުން އީރާނަކީވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅިއަޅާފައިވާ ޤައުމެކެވެ. އީރާނުން ވެނެޒުއެލާއަށް ތެޔޮ ފޯރުކޮށްދޭތީ އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާ ކުރަމުންދާކަމަށް އެމެރިކާއިން މިމަހު ކުރީކޮޅުވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ