މެންބަރުން މާސްކް އަޅައިގެން މަޖިލީސް ގޭގައި ޖަލްސާތައް ފަށަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް، ހާއްސަ ފިޔަވަޅުތަކާއެކު މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފިއެވެ.
ރާއްޖެއިން ކޮވިޑް-19އިން ފެނިގެން މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. ސަރުކާރުން އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަން ދެން އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ކުރިން އޮތީ ހަމަޖެހިފައެވެ.
ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދާތާ ދެ މަސް ވާން ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބާއްވަން ނިންމައި، އެ ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށާއި، އަދި އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގަވާފައިވާ ދުރުމިނުގައި ކަމަށެވެ.
އަދި އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާގޮތަށްވެސް ހަމަޖައްސާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.
"ވޯޓުލުމުގައިވެސް މިދެންނެވި ގޮތަށް ޢަމަލުކުރެވިގެންދާނެ. ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު މާލަމުން ނިކުމެވަޑައި ގަތުމުން، ބާކީ ތިއްބެވި އެހެން މެންބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާނެ. ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު ޢަދަދެއްގެ މުވައްޒަފުން މާލަމުގައި ތިއްބެވުން". ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހަށް ހާޒިރުވާ މެންބަރުންނާއި މުވައްޒަފުން ތިއްބަވާނީ މާސްކް އަޅުއްވައިގެންނެވެ.
އަދި އެ އިންތިޒާމުތައް ތަންފީޒުކުރަމުން ގެންދާނީ މަޖިލީހުގެ ރައީސް އަންގަވާގޮތެއްގެ މަތިން، މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށް މަޖިލީހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ