އިންޑޯ ކޮމްޕެލްކްސް އަކީ ރާއްޖޭގެ ފުޓްސަލް ބައިނަލްއަގުވާމީ ލެވަލަށް ގެންދަން ލިބޭ ފުރުސަތު: މިނިސްޓަރު އިންޑޯ ކޮމްޕެލްކްސް އަކީ ރާއްޖޭގެ ފުޓްސަލް ބައިނަލްއަގުވާމީ ލެވަލަށް ގެންދަން ލިބޭ ފުރުސަތު: މިނިސްޓަރު

މި ސަރުކާރުން ގާއިމްކުރަން މަސައްކަތް ފަށާފައިވާ އިންޑޯ ފުޓްސަލް ކޮމްޕްލެކްސް ވެގެންދާނީ ރާއްޖޭގެ ފުޓްސަލް ބައިނަލްއަގުވާމީ ލެވަލަށް ގެންދިއުމަށް ލިބިގެންދާ ބޮޑު ފުރުސަތަށް ކަމަށް ސްޕޯޓްސް މިިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރާފިއު މި ގޮތަށް ވިދާޅުވީ، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި، ކ. ކާށިދޫން 4-1 އިން ހދ. ނައިވާދޫ ބަލިކޮށް މި އަހަރުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެ ގޮތުން، ރާފިއު ވިދާޅުވީ، މިދިޔަ އަހަރު ވެސް ފާހަގަކުރި ގޮތަށް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސަބަބުން ރާއްޖޭގައި ފުޓްސަލް އޮތް މިންވަރު އަހަރުން އަހަރަށް އިތުރުކަން ފާހަގަވާ ކަމަށެވެ. އަދި، އެ ހުނަރުތައް އެހެން ހަރުފަތަކަށް ގެންދެވޭނީ، އިންޑޯ ކޮމްޕްލެކްސްއާ އެކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް މުބާރާތްތައް ކުޅެވޭ ކަހަލަ މާހައުލެއް، ބޭނުންވަނީ، އެ ޓެލަންޓް ދައްކަން، އެހެންވީމަ، މި އަހަރު ތެރޭގައި، އަޅުގަނޑުމެން، މި އަހަރުގެ ބަޖެޓްގައިވެސް ހިމެނިފައި މި އޮތީ، އިންޑޯ ފުޓްސަލް ކޮމްޕެލްކްސް އޭގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ، މި އަހަރު ތެރޭގައި އަަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުންމީދުކުރަނީ،" ރާފިއު ވިދާޅުވި އެވެ.
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް، (ހަފްތާ 14)ގެ ތެރޭގައި ގާއިމްކުރަން މަަސައްކަތް ފަށަން ހަމަޖެހިފައިވާ ފުޓްސަލް ކޮމްޕްލެކްސް އާއި ނެޓްބޯޅަ ކޮމްޕްލެސް އެޅުމުގެ ބިން ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެ ގޮތުން، ފުޓްސަލް ކޮމްޕްލެކްސް އަޅަނީ ހުޅުމާލެ ފޭސް 2 ގަ އެވެ. އަދި ނެޓްބޯޅަ ކޮމްޕްލެކްސް އަޅަނީ ފޭސް 1 ގަ އެވެ. މީގެ އިން ކޮންމެ ކޮމްޕްލެކްސް އަކީ ވެސް ފަސް ދަނޑު ހިމެނޭ ގޮތަށް އަޅާ ތަންތަނެވެ. މިއީ މި ގޮތަށް، ރާއްޖޭގައި، ކުޅިވަރުގެ އިންފްރާސްޓްރަކްޗާއެއް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.
ރާފިއު ވިދާޅުވީ، އަސްލު ހަގީގީ ފުޓްސަލްގެ ހުނަރު ރާއްޖޭން ބޭރުގެ ގައުމުތަކަށް ދެއްކޭނީ ފުޓްސަލް ކޮމްޕެލްސް އެއް އޮވެގެން ކަމަށެވެ.
"ވާހަކަ ދެއްކުން މަދުކޮށްފައި ދެން އޮތީ އަމަލީ ގޮތުން މިކަން (އިންޑޯ ފުޓްސަލް ކޮމްޕެލްކްސް މަސައްކަތް) ކުރުން،" ރާފިއު ވިދާޅުވި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު މިދިޔަ އަހަރަށް ވުރެ ގިނަ ރަށްތައް/ޓީމުތައް ބައިވެރިވެފައިވާއިރު، 128 ޓީމު މި ފަަހަރު ވާދަކުރިއިރުު ފެނުނީ ފޯރިގަދަ މާހައުލެއްކަން މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ފޯރިއާ އެކު، ރަށްރަށުން މީހުން، ފުޓްސަލްގެ ފޯރި އިތުރަށް ބޮޑުވަމުން ބޮޑުވަމުން މި އަންނަނީ، އަޅުގަނޑު ވަރަށް ދެކޭގޮތުގައި، މުޅި މުޖުތަމައު އަށް ވެސް އެއްބައިވަންތަކޮށް އަދި، އެ އުފާވެރިކަން ގެނެސްދޭ މާހައުލެއް ކްރިއޭޓްވެގެންދިޔައީ،" ރާފިއު ވިދާޅުވި އެެވެ.
ފައިނަލް މެޗަށް ބަލާއިރު ވެސް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުރިއަށްދިޔަތަން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ކުޅުންތެރިން ފުޓްސަލް އިން ކުރިއަށް ދިއުމަށް ދައްކާ ހިތްވަރު އަހަރުން އަހަރަށް އިތުރުވާއިރު، ޖުމްލަކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފޯރިގަދަވާ ކަމަށް ވެސް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން 2015 ވަނަ އަހަރުން ފެށިގެން މި މުބާރާތް އަހަރުން އަހަރަށް ޑިވެލޮޕްކުރުމަށް ކުރި މަސައްކަތުން ވަރަށް ބޮޑުތަން ވަނީ ކުރިއަރައިފަ އެވެ. މިދިޔަ ދެ އަހަރު މިނިސްޓަރު ރާފިއު ހުންނަވައި، ގޯލްޑަން އަށް އެހީތެރިކަން ފޯރުކޮށްދީ މުބާރާތުގެ ކަންކަން ވަރަށް ގާތުން ބެއްލެވި އެވެ.
ރާފިއު ވިދާޅުވީ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް، ރިލްވާން މޫސާގެ ނަން މި މަސައްކަތުގައި ފާހަގަކުރަން ޖެހޭ ކަމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ