މެޑަމް ސާޖިދާ ރަސްމީ ދަތުރުފުޅެއްގައި ހއ. އިހަވަންދުއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ރަސްމީ ދަތުރުފުޅެއްގައި ހއ. އިހަވަންދުއަށް ވަޑައިގެންފިއެވެ. އެކަމަނާ އިހަވަންދުއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އިހަވަންދޫން މެޑަމް ސާޖިދާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމެވެ. މިކަމަށްޓަކައި އިހަވަންދޫ ސްކޫލުގައި މިއަދު ހަވީރު ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތަށްފަހު އެކަމަނާ ސިއްޙީ މަރުކަޒަށް ވަޑައިގެން ޑައިލިސިސް ޔުނިޓްގެ މަސައްކަތްތައް ބައްލަވާލައްވާނެއެވެ.
މީގެއިތުރުން، މި ދަތުރުފުޅުގައި "ފުއްޓަރު އުފާ" ގެ ނަމުގައި އިހަވަންދޫގައި ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުވެސް އޮންނާނެއެވެ. މި މައިޒާނަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އޭ.ކޭ.އެޗް ފައުންޑޭޝަން ގުޅިގެން ތަރައްޤީކުރާ މައިޒާނެކެވެ.
މި ދަތުރުފުޅަކީ ރަށުގެ ސިއްޙީ ޚިދުމަތްތައް ފުޅާކޮށް، މުޖުތަމަޢުގެ އިޖްތިމާޢީ ދިރިއުޅުން އިތުރަށް ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް ކަމުގައި ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ