ފަހު މެޗުން ވިކްޓަރީއަށް ފަސޭހަ މޮޅެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފަހު މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބު އަތުން ފަސޭހަކަމާއެކު ވިކްޓަރީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ވިކްޓަރީ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ވިކްޓަރީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 35 ވަނަ ސިކުންތުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލޮރެންޒޯގެ ޑިފެންޑަރު ތަހުސީން އަހުސަން ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނާއިމެވެ.
އަދި މެޗުގެ ހަވަނަ މިނެޓުގައި ނާއިމް ވަނީ އިތުރު ލަނޑެއް ޖަހައި، ވިކްޓަރީގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނާއިމް ހެޓްރިކް ހެދިއިރު، މެޗުގެ 43 ވަނަ މިނެޓުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ މުޙައްމަދު ޝާން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މި މެޗުގައި ލޮރެންޒޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ނަސޫހް ސައީދެވެ. މިއީ އޭރިއާ ތެރެއިން އެ ޓީމުގެ ކެޕްޓަން އާދަމް ނުޒައިރަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެކަމަކު މެޗުގެ 83 ވަނަ މިނެޓުގައި އަޙްމަދު ހުސެއިން ވަނީ ވިކްޓަރީގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.
މި މޮޅާއެކު ވިކްޓަރީއަށް މި ފަހަރުގެ ދެވަނަ ޑިވިޝަން ނިމުނުއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. އަދި ލޮރެންޒޯއިން މި މުބާރާތް ނިންމާލީ ކުޅުނު ހަ މެޗުންވެސް ބަލިވެ، ތާވަލުގެ ފުލުގައި އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ