ގާސިމަށް މަޖިލީހުގެ ގޮނޑިތައް ދޫކޮށްލީ ”ބަޑި ޖެއްސުމުން”, އޭގެ ހިތި މިދަނީ ލިބެމުން: ޔާމީން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ގޮނޑިތަކެއް ދޫކޮށްލީ މަޖުބޫރު ވެގެން, “ގަންޕޮއިންޓް” ގައި ތިބުމުން ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ, މަޖިލިސް އިންތިހާބުގައި ޕީޕީއެމުން ވާދަނުކޮށް ޖުމްހޫރީ ޕާޓީއަށާއި އެމްޑީއޭއަށް ގޮނޑިތަކެއް ދޫކޮށްލުމުން އެކަމުގެ ހިތި ތަހައްމަލު ކުރަމުންދާ ކަމަށެވެ.
“މިއަދު އެމްޑީޕީއަށް ލިބިގެން އުޅޭ ސުޕަ މެޖޯރިޓީއަކީ ހަމަ ކަނޑައެޅިގެން ޖުމްހޫރީ ޕާޓީން, ގާސިމް އިބްރާހީމާއި އޭނާގެ އިސްކޮށް ތިއްބެވި ބޭފުޅުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މަކަރު ހަދައިގެން, އަޅުގަނޑުމެންނާ އެކީ ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެގެން އެތައް ވާހަކައެއް ދައްކަވައިގެން އަޅުގަނޑުމެންނަށް ކަށަވަރުވެގެން, އަޅުގަނޑުމެން ދާއިރާތަކެއް ދޫކޮށްލީ,”  ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލި ނަމަވެސް އޭގެން އެއްވެސް ގޮނޑިއެއް އެ ޕާޓީއަށް ކާމިޔާބު ނުކުރެވުނު ކަމަށެވެ. އެއީ ރައްޔިތުންގެ ހެޔޮ ވިސްނުމުން ޖުމްހޫރީ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއެއް ކަމަށްވެސް ވިދާޅުވި އެވެ.
“ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑި ލިބުނީކީއެއް ނޫން. ޕީޕީއެމްއަށް އެ ދާއިރާތަކަށް މީހުން ނުދެއްކުނީ. އެހެންނަމަވެސް އަޅުގަނޑުމެން މަޖުބޫރީ ހާލަތުގައި ނޫނީ ގަންޕޮއިންޓުގައި ތިބެގެން ކުރަން ޖެހުނު ކަމެއްގެ ނަތީޖާވެސް ރައްޔިތުން އެގޮތަށް ގަބޫލެއް ނުކުރޭ،” ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ކުރިއަށް އޮތް ހުރިހާ އިންތިހާބެއްގައިވެސް ޕީޕީއެމުން ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކަމަށާއި ކޯލިޝަނެއް ހެދިޔަސް, އެ ޕާޓީއަކަށް ގޮނޑި ދޫކޮށްލަން އެއްބަހެއް ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ