މިސްރަށް ކުރެއްވި ދަތުރުފުޅަށްފަހު ނަޝީދު އިޓަލީއަށް

މިސްރުގެ ޝަރުމުއްޝައިހުގައި ކުރިއަށްދިޔަ އދ.ގެ މި އަހަރުގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް27) ގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް, މުހައްމަދު ނަޝީދު އިޓަލީއަށް ވަޑައިގެންފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ ކޮޕް27ގައި ނަޝީދު ބައިވެރިވެވަޑައިގެން ތަމްސީލު ކުރެއްވީ ސްރީ ލަންކާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ, ކޮޕް27 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނަޝީދު މިސްރަށް ކުރެއްވި ދަތުރުފުޅަށްފަހު މިސްރުން މިއަދު އިޓަލީގެ ރޯމަށް ވަޑައިގެންފައިވާ ކަމަށެވެ.
އިޓަލީއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ ހެބިޓަބަލް ޕްރޮޖެކްޓުގެ އެނުއަލް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ހެބިޓަބަލް ޕްރޮޖެކްޓުގެ މަގުސަދަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި ހިޖުރަކުރުމާއި ޑިސްޕްލޭސްމަންޓް ޕެޓާންސްއާ ދެމެދު އޮންނަ ގުޅުންތައް ދެނެގަތުމާއި ކުރިއަށް އޮތްތަނުގައި އަންނާނެ ބަދަލުތައް ލަފާކުރުމެވެ.
އަންނަ 2024 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގައި 17 ގައުމަކުން 21 ޕާޓްނަރުން ބައިވެރިވާ އިރު, ނަޝީދަކީ ހެބިޓަބަލް ޕްރޮޖެކްޓުގެ އެޑްވައިޒަރީ ބޯޑު މެމްބަރެކެވެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ, ނަޝީދުގެ މި ދަތުރުފުޅާ ގުޅޭ ހުރިހާ ހަރަދެއް ކުރާނީ ހެބިޓޭބަލް ޕްރޮޖެކްޓުގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ޔުނިވާސިޓީ އޮފް ލީޖްގެ ފަރާތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ