ހިތަދޫ ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: އަސްލަމް

އައްޑޫ ހިތަދޫ ބަނދަރުގެ މަސައްކަތް މަޑުޖެހިފައި ވަނީ ރައްޔިތުން އެ ބަނދަރަށް ބަދަލު ގެންނަން ބޭނުންވެގެން ކަމަށާއި އެ ގޮތަށް ބަނދަރުގެ ޑިޒައިން ބަދަލު ކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފެއްޓުމަށްޓަކައި އިއްޔެ އެ އަވަށު ހިތަދޫގެ ޒިޔާރައްފައްނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހިތަދޫގެ ބަނދަރުގެ މަސައްކަތް ހުއްޓިފައި ވަނީ ބަނދަރަށް ބަދަލު ގެނައުމަށް ރައްޔިތުން ބޭނުންވާތީ ކަމަށެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރަކީ ސަރުކާރަށް ފެންނަ ގޮތަކަށް މަސައްކަތް ކޮށް ނިންމާލާފައި ދާ ބައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މި ސަރުކާރަކީ ރައްޔިތުންނާއި ވާހަކަ ދައްކައި މަޝްވަރާކޮށް ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރާ ސަރުކާރެއް ކަމަށެވެ. އެގޮތުން ހިތަދޫގެ ބަނދަރުގެ މަސައްކަތް ފެށުމާ އެކީ ބަނދަރަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުން ބޭނުންވި ކަމަށާއި އެ ޑިޒައިން މިހާރު މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ހިތަދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ފެށީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެޕްރީލް 2، 2021 ގަ އެވެ.
ހިތަދޫ ބަނދަރު ތަރައްޤީ ކުރުން އިފްތިތާހހު ކުރުމުގެ ރަސްމިއްޔާތުގައި ކައުންިސިލަރުން، ހިތަދޫގެ މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން، ފޮޓޯ: ޝަރަފު/އައްޑޫލައިވް
ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢޫގެ ދަށުން، 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 52.43 މިލިއަން ރުފިޔާއަށެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައި އޮތީ 365 ދުވަސްތެރޭގަ އެވެ.
ހިތަދޫ ބަނދަރުގެ މަސައްކަތް ފެށައި ތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން ދަނިކޮށް ބަނދަރަށް ބަދަލު ގެނައުމަށް މިހާރުގެ ކައުންސިލުން ބޭނުންވި އެވެ. އަދި އެބަދަލާ ގުޅޭ ކުރެހުން މިނިސްޓްރީ އަށް ފޮނުވައި ބަނދަރުގެ ޑިޒައިން ބަދަލު ކުރުމަށް ހުށަހެޅި އެވެ. އެއާ އެކު ބަނދަރުގެ މަސައްކަތް އެމްޓީސީސީން މަޑުޖައްސާލި އެވެ.
އިއްޔެގެ ހަފްލާގައި އަސްލަމް ވިދާޅުވީ ހިތަދޫގެ ބަނދަރުގެ މަސައްކަތް ދެން ކުރިއަށް ދާނެ ކަމަށާއި އާ ޑިޒައިނާއި އެއްގޮތަށް ބަނދަރުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ