ރައީސް ޔާމީންގެ ހއ. އަތޮޅު ދަތުރުފުޅު ފަސް ކޮށްފި

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް، ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދަށް ޝެޑިއުލްކޮށްފައި އޮތް އެ މަނިކުފާނުގެ އުތުރު ދަތުރުފުޅުގެ ޝެޑިއުލަށް ބަދަލު ގެންނަވައި އެ ދަރުފުޅު އަންނަ ހޮނިހިރަށް ފަސް ކުރައްވައިފި އެވެ. ޕީޕީއެމުން މިއަދު ބުނީ ރައީސް ޔާމީން ހއ. ފަސް ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ރާއްޖޭގެ މޫސުން ގޯސްވެ ވައި ގަދަވުމާއި ކަނޑުތައް ގަދަވުމުގެ ސަބަބުން ފަސް ކޮށްފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު އެ މަނިކުފާނު އެ ދަތުރުފުޅުގައި އުތުރަށް ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. ދިއްދު އާއި އިހަވަންދު އާއި ކެލަ އާއި ތުރާކުނުގެ އިތުރުން ބާރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީންގެ ވެރިކަމުގައި ހއ. އަތޮޅުގައި ވެސް ގިނަ މަޝްރޫއުތައް ހިންގަވާފައިވާ ކަމަށެވެ. އިހަވަންދުއަށް ބަލާ ނަމަ 2013 އިން 2018 އަށް 14 ޕްރޮޖެކްޓަކާއި ކެލާގައި 16 ޕްރޮޖެކްޓެއް ހިންގަވާފައިވާ ކަމަށް ވިދާޅުވި އެވެ."ދިއްދޫއަކީ އެންމެ ގިނަ ޕްރޮޖެކްޓް އެމަނިކުފާނުގެ ވެރިކަމުގައި ހިންގެވި އެއް ރަށް. ދިއްދޫގައި 27 ޕްރޮޖެކްޓެއްގެ މަސައްކަތް ފައްޓަވައި ވަރަށް ގިނަ ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމަވާފައިވާ ކަން ފާހަގަކޮށްލަން. ހއ. ބާރަށުގައި ވެސް 17 ޕްރޮޖެކްޓެއްގެ މަސައްކަތް ފައްޓަވައި ގިނަ މަސައްކަތްތައް ނިންމެވި،" ރައީސް ޔާމީން ހއ.ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ތަފްސީލް ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވިދާޅުވި އެވެ.ހީނާ ވިދާޅުވި ގޮތުގައި މި ދަތުރުތަކުގައި ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ބޭނުންފުޅުވިޔަސް އެކަން ނުވަނީ ވަގުތާއި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުންނެވެ. އެމަނިކުފާނު ހުންނަވާ ރަށަކަށް، ކައިރި ރަށްތަކުން ވަޑައިގެން ބައްދަލުކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ