އަބްދުއްރަހީމްގެ ވިޔަފާރި ހިންގަން ރަށުގައި ހުންނަ މީހަކު ވެސް ސިޔާސީ މަގާމެއްގައި! އަބްދުއްރަހީމްގެ ވިޔަފާރި ހިންގަން ރަށުގައި ހުންނަ މީހަކު ވެސް ސިޔާސީ މަގާމެއްގައި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވިޔަފާރި ހިންގަން ލ. ފޮނަދޫގައި ހުންނަ މީހަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ މަގާމެއް ދީފައިވާކަން އެނގިއްޖެ އެވެ.
ގިނަ މަސްދަރުތަކަކުން އަދަދު ނޫހަށް ކިޔައިދިން ގޮތުގައި އަބްދުއްރަހީމްގެ އަރަފާ ޓްރޭޑާސް ހިންގުމުގައި އުޅޭ ފަތުހުﷲ ޖަމީލަށް ދީފައި ހުންނަނީ ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމެވެ.
ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މުސާރައަކީ 25،000ރ. އެވެ. ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މުސާރައަކީ 20،000ރ. އެވެ.
"ފަތުހުﷲ ރަށުގައި އަބަދުވެސް އުޅެނީ އަބްދުއްރަހީމްގެ ވިޔަފާރި ހިންގަން،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ފަތުހުﷲ އަށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެ އެވެ.
ފަތުހުﷲ ޖަމީލަކީ އަބްދުއްރަހީމްގެ އަނބިކަނބަލުން، ދިޔާނާ ހުސެއިންއަށް ބޮޑުދައިތަ ކިޔާ މީހެކެވެ.
ބީލަމަށް ނުލައި ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ ތެރޭގައި އޭނާގެ ނަމުގައި އޮންނަ، އެފްޖޭ ޑިޒައިން އަސް ހަތް ރަށެއް ޕޮލިސް ސްޓޭޝަން، 17.5 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެވެ.
އެފްޖޭއަކީ އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާ ވެސް ނެތް، އަދި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ވެސް ނެތް ބައެކެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގައި އޮތީ ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރެވޭނެ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ބައެއް އޮފިޝަލުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި ފަތުހުﷲ ގެ އިތުރުން، އެހެން ބައެއް ރަށްރަށުގައި ވެސް ޒިންމާއެއް ނެތި ސިޔާސީ މަގާމުތަކަށް މުވައްޒަފުން އައްޔަންކޮށްފައި އެބަ ތިއްބެވެ.
ސިޔާސީ މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ހުރި މީހަކު ތިޔަ ރަށުގައި އެބަ ހުރިތަ؟ މިނިސްޓްރީގެ މަގާމުގައި، ރަށުގައި ތިބި ސިޔާސީ މުވައްޒަފުން އެނގޭ ނަމަ މި ލިޔުމަށް ކޮމެންޓެއްގެ ގޮތުގައި ފޮނުވާލަ ދޭށެވެ. ނުވަތަ އަދަދު ސޯޝަލް މީޑިއާ އެކައުންޓަކަށް ޑައިރެކްޓު މެސެޖެއް ފޮނުވާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ