ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަޅުގަނޑުމެން އަހުލުވެރިވުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓުން ކުރެއްވި މިޕޯސްޓުގައި، ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ޞިއްޙަތަށް ސަމާލުވާން ޖެހޭކަމަށާއި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަމަށް މުޖްތަމަޢު ހޭލުންތެރި ކުރުވުމަށް އަމިއްލަ ޖަމާޢަތްތަކާއި ފަރުދުންގެ ފެންވަރުގައި ކުރައްވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު އާކުރަން ގޮވާލައްވަމުންނެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދުވަހާއިގުޅޭ މެސެޖެއް އެކްސް މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ޞިއްޙަތު ރަނގަޅު އާބާދީއެއް އޮތް މުޖްތަމަޢެއް ރާއްޖޭގައި ބިނާކުރެވޭނީ އެންމެން އެއްބާރުލައިގެންކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހޯދައި، ޞިއްޙީ އާދަތަކުގައި ހިފެހެއްޓުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް ގޮވާލެއްވިއެވެ. އެކަމަނާގެ މެސެޖު ނިންމަވާލެއްވީ ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން އެންމެ ދުރުހެލި، އަދި މިފަދަ ބަލިތަކަށް އެންމެ އިތުބާރާއެކު ފަރުވާދެވޭ އެއް ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ލަނޑުދަނޑި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށް ޙާޞިލް ކުރެވޭނެކަމުގެ އުންމީދު އައުކުރައްވަމުންނެވެ.
ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޞިއްޙީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ