ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެންވޭރު ރައްޔިތުންނާ މިރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.
އެގޮތުން ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން ކުރިއަށް ދާނީ، މިރޭ 20:30ގައި ކަލާފާނު ސްކޫލްގައި ކަމަށް ހީނާ ވިދާޅުވިއެވެ. ސަރުކާރުން ވަނީ، ހެންވޭރުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދައުވަތު އަރުވާފައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ހަރަކާތުގެ ތެރެއިން ވިލިމާލޭގެ ރައްޔިތުންނާ އަދި މައްޗަންގޮޅީގެ ރައްޔިތުންގެ އިތުރުން މާފަންނުގެ ރައްޔިތުންނާ ވަނީ، ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ވަޢުދުފުޅާ އެކުގައެވެ. އެ ވަޢުދުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
މިއީ، ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައި، އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވައި އެކަންކަން ޙައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ހެންވޭރު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ