ސިންގަލް ޔޫސް ޕްލާސްޓިކް ގަވާއިދާ ޚިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަނީ!

ދިވެހިރާއްޖޭގެ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާ ބާވަތްތައް ފިޔަވައި، އެހެނިހެން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމާ ގުޅޭ ހާއްސަ ގަވާއިދެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އެކުލަވާލައިފިއެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި، އެތެރެކުރުމާއި ބާޒާރަށް ނެރުން ހުއްޓުވުމެވެ.
މި ގަވާއިދު ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި، އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށެވެ. އައު ގަވާއިދުގައިވާ ގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޓަކައި ”ފޭސްއައުޓް ޕްލޭން“އެއް، ގަވާއިދަށް އަމަލުކުރަން ފަށާތާ 12 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ގެޒެޓް ކުރަންޖެހެއެވެ.
މި ޕްލޭން އެކުލަވާލުމުގައި ތިމާވެއްޓަށާއި އިގްތިސާދަށް ކުރާނެ އަސަރުތަކަށާއި، ބަދަލުގައި ބޭނުންކުރެވޭނެ ތަކެތި ހުރި މިންވަރަށް ރިއާޔަތްކުރަންޖެހެއެވެ.
މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ގަވާއިދުގައި ވަނީ ލާޒިމްކޮށްފައެވެ. މި ޕްރޮގްރާމްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރާ ސަބަބުތަކާއި، ބަދަލުގައި ބޭނުންކުރެވޭނެ ތަކެއްޗާއި، މަނާކުރާ ތާރީހުތަކުގެ މައުލޫމާތު ހިމަނަންޖެހެއެވެ.
ނަމަވެސް، ބައެއް ހާލަތްތަކުގައި މި ގަވާއިދު ނުހިނގާނެއެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ އެއާލައިންތަކުގައި ޝިޕްސްޓޯގެ ގޮތުގައި ބޭނުންކުރާ ތަކެއްޗާއި، ޑިއުޓީ ފްރީ ސަރަހައްދުގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކް ހިމެނެއެވެ.
ކޮތަޅުގެ ބޯމިން މިންކުރުމުގައި އަމަލުކުރާނެ ހާއްސަ އުސޫލެއްވެސް މި ގަވާއިދުގައި ވަނީ ހިމަނާފައެވެ. އެގޮތުން ކޮތަޅުގެ ހަތަރު ތަނަކުން މިންކޮށް އެވަރެޖް ބޯމިން ބަލާނީ މައިކްރޯނުން މިންކުރާ ހާއްސަ އާލާތެއް ބޭނުންކޮށްގެންނެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި، ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނެއެވެ. ނަމަވެސް، ކަންކަން ތަކުރާރުވާނަމަ ބާޒާރަށް ނެރުނު ކޮންމެ އެއްޗަކަށް 150 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ކުރެވޭ ޖޫރިމަނާގެ ޖުމްލަ އަދަދު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ