ފިޗް ރޭޓިންއިން އެނގުނީ ރައީސް މުޢިއްޒުގެ އިޤްތިޞާދީ ޕްލޭން ރަނގަޅުކަން: ޒަމީރު

ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "ފިޗް" އިން ރާއްޖެއަށް ދީފައިވާ ރޭޓިންއިން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތުތަކަކީ ރަނގަޅު ސިޔާސަތުތަކެއް ކަންކަމުގައި ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުން އިއްޔެ އިސްތިއުފާ ދެއްވި މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ރާއްޖެއަށް ލިބުނީ 'ސީސީސީ ޕްލަސް' ރޭޓިންއެއް ކަމަށާއި، މިއީ ދުނިޔޭގެ އިޤްތިޞާދީ ދަތި ހާލަތުގައިވެސް ރައީސްގެ ޕްލޭން ކާމިޔާބުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
ޒަމީރު ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ރާއްޖެއިން ބޭރުގެ ދަރަނި ނުދައްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ. ފިޗްގެ ރިޕޯޓުގައިވެސް ރާއްޖެއިން ދަރަނި ދައްކަމުންދާކަން ފާހަގަކޮށްފައިވާ ކަމަށާއި، ދަރަނި ނުދައްކާނަމަ ޤައުމު ބަނގުރޫޓުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ އިދާރާތަކުން އިޢުލާނު ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސިޔާސީ ބޭނުމަކަށް ދައްކާ އެފަދަ ވާހަކަތަކަށް ރައްދު ދިނުމުގެ ބޭނުމެއް ނެތް ކަމަށް ޒަމީރު ވިދާޅުވިއެވެ.
އަވަށްޓެރި ޤައުމުތަކުގެ އިޤްތިޞާދަށް އަންނަމުންދާ ލޮޅުންތަކަށް އަލިއަޅުއްވާލައްވަމުން ޒަމީރު ވިދާޅުވީ، އެ ޤައުމުތަކުގައި ތަކެތީގެ އަގުބޮޑުވެ، ކަރަންޓުގެ ޚިދުމަތް ބޮޑުތަނުން އަގުބޮޑުވެފައިވީ ނަމަވެސް، ރައީސް މުޢިއްޒު ނިންމެވީ ރައްޔިތުންނަށް އެފަދަ ބުރައެއް ނުޖައްސައި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރެއްވުމަށެވެ. "ރައީސް ދެއްވި ޕްލޭންއާ އެއްގޮތަށް އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އެކުގައި މަސައްކަތް ކުރުމުން މި ފެންނަނީ ރަނގަޅު ނަތީޖާ،" ޒަމީރު ވިދާޅުވިއެވެ.
އަލަށް އައްޔަންކުރެއްވި ފިނޭންސް މިނިސްޓަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، އެއީ އެ މަޤާމަށް އެންމެ ޤާބިލު ބޭފުޅާ ކަމަށެވެ. މީރާ އުފެއްދުމުގެ މަސައްކަތުން ފެށިގެން، ޓެކްސްގެ ނިޒާމާއި ރާއްޖޭގެ ރެވެނިއު ސްޓްރީމްތަކަށް ފަރިތަ، ތަޖުރިބާކާރު ބޭފުޅަކު އެ މަޤާމަށް ގެންނެވުމަކީ ރައީސް ނިންމެވި ވަރަށް ބުއްދިވެރި ނިންމެވުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ