ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނަގާނެ ކަމަށް ލަފާކުރެވޭ ދަރަންޏާއެކު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޖުމުލަ ދަރަނި 90 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، މި ސަރުކާރުގެ ދިފާއުގައި ތިއްބެވި ބޭފުޅުން، މުއިއްޒު ކުރައްވަނީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ފިލުވުމުގެ މަސައްކަތް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވަރަށް ފާޑުވިދާޅުވި އެވެ.
މި ޖަލްސާގައި އޮޑިޓިން އަދި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ދެއްކެވި ވާހަކައަށް ހަވާލާދެއްވައި ޔާމީން ވިދާޅުވީ، މި އަހަރު ނިމޭއިރު މި ސަރުކާރުން އިތުރުކުރާ ދަރަނި 57 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
"އަދި ކުރިއަށް އެބައޮތް ދެ އަހަރު. [މުއިއްޒު ވެރިކަމުގައި ހުންނަވައިފި ނަމަ] މި އަދަދު އެކަށީގެންވޭ އިނގޭތޯ 80 ނުވަތަ 90 ހާސް މިލިއަނަށް (80 ނުވަތަ 90 ބިލިއަނަށް) ވެގެންދިއުން،" ޔާމީން ވިދާޅުވިއެވެ.
"އެއީ މި ސަރުކާރުން ކުރާ ކަމަކީ އެއީ ހޭދަ. އެކި ނަންނަމުގައި ހޭދަކުރަނީ. އެއިން އޮއްޓަރުލުން ހުރި، އާރުލާ އެއްވެސް ނަތީޖާއެއް ފެންނަން ހުރި މަސައްކަތެއް ނުކުރޭ."
މާލީ އަދި އިގްތިސާދީ ކަންކަމާ ގުޅޭގޮތުން ޕީއެންއެފް ޖަލްސާގައި ދައްކާ ވާހަކަތަކަށް ސަރުކާރުން ރައްދުދޭނަމަ، އެކަން ތަފާސްހިސާބުތަކުންނާއި ނަންބަރުތަކުން ސާބިތުކޮށްދިނުމަށް ޔާމީން ގޮވާލެއްވިއެވެ.
"ހިސާބާ ތޮޅުއްވާށޭ ހިސާބުން،" އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ޒަރިޔަންދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ޖުމުލަ ދަރަނި ހުރީ 130 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރެއްގައެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެކަނިވެސް 60 ބިލިއަން ރުފިޔާގެ ދަރަނި އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބަޖެޓު ފައިނޭންސް ކުރުމަށްޓަކައި ބޭނުންވާ ފައިސާ ނުހޯދުމުގެ ސަބަބުން، ފިނޭންސް މިނިސްޓްރީގެ ތެރޭގައި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ބިލްތައް ފުނިޖެހި، "ގަނޑުވެފައި" ހުރިކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.
މުއިއްޒު ނަގާ ދަރަނި 90 ބިލިއަނަށް އަރާނެ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ