ވިއްސާރައިގައި މުރައިދޫގެ ގެތަކާއި ކައުންސިލް އިދާރާއަށް ގެއްލުންވެ، ދެ އާއިލާއެއް ވަގުތީ ހިޔާއަށް

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން އިއްޔެ ހއ. މުރައިދޫގެ ކައުންސިލް އިދާރާއާއި ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދެ ގެއެއްގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. އެ ރަށަށް ލިބުނު ގެއްލުމާ ގުޅޭ މައުލޫމާތު 'ސަން' އާ ހިއްސާކުރައްވައި މުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް ކަރީމް އަލީ ވިދާޅުވީ ކައުންސިލް އިމާރާތުގެ މީޓިން ރޫމްގައި 75 އިންޗީގެ ޓީވީއަކާއި، އޭސީއެއްގެ އިތުރުން ސީޕީޔޫއެއް ހުރި ކަމަށެވެ. ފުރާޅު އެއްލައިލިއިރު، އެ ތަނަށް ވާރޭގެ އަސަރުކުރުމުން އެ ތަކެއްޗަށް ގެއްލުންވެފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނަމަވެސް ރޭ ނުވައެއް ޖަހަނިކޮށް ކައުންސިލް އިދާރާ ބޭނުންކުރެވޭ ވަރަށް މަރާމާތުކޮށް، ޓިނު ޖަހައި، ކަރަންޓު ލިބޭނެ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ކައުންސިލުން، ގެއްލުންވި ގެތަކަށް މިހާރު ވެސް ޒިޔާރާތްކޮށް އެހީ ބޭނުންވާ ކަންކަމުގައި އެހީ ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވިއްސާރައިގައި ގެއްލުން ލިބި އެއްވެސް ވަރަކަށް ދިރިއުޅެވޭ ވަރު ނުވާ ދެ ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށާއި އިތުރަށް ގެއްލުންވި ތިން ގެއެއް މަރާމާތުކޮށްދީފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއްކޮށް ފުރާޅު އެއްލައިލި ގެތައް ވަރަށް ބޮޑަށް ހަލާކުވެފައި ވަނީ. ބައެއް ގެތަކުގެ ފުރާޅު އެބަހުރި 200 ފޫޓު ދުރަށް ވަޔާ އެއްލާލައި އެހެން ގެތަކަށް ގެއްލުންވެފައި ވެސް. މިވަރުގެ ގެއްލުންތައް ލިބުނީމަ އަޅުގަނޑުމެން އުންމީދުކުރަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެހީތެރިކަން ލިބޭނެ ކަމަށް އަޅުގަނޑުމެން ގެއްލުމުގެ ތަފްސީލު ރިޕޯޓުކުރުމުން، މުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް ކަރީމް އަލީ ގެއްލުން ލިބުނު ގެތަކަށް އެހީ ފޯރުކޮށްދިނުމުގައި އެ ރަށު ފުލުހުންނާއި، އެމްޓީސީސީ އަދި އާއްމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ އެފަރާތްތަކަށް ޝުކުރުއަދާކުރައްވައިފައެވެ. 'ސަން' އާ ވާހަކަދައްކަވަމުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތައް އެ މިނިސްޓްރީން މޮނިޓާކުރަމުންދާ ކަމަށެވެ. އަދި ކައުންސިލްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ރަށްތަކަށް އެހީ ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ. https://x.com/Adamshareefz/status/1946290084174778800 ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މާދަމާގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރީ މިދިޔަ ބުދަ ދުވަހެވެ. ވޭތުވެދިޔަ 48 ގަޑިއިރު ތެރޭ އެކި ސަރަހައްދުތަކަށް ވަނީ ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވެފައެވެ. އިއްޔެ ހަވީރު ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައި އޮތްއިރު، މިއަދު 15:30އާ ހަމައަށް ހއ. އަތޮޅުން ތ. އަތޮޅަށް ވައިގަދަވެ، އުދަވެސް އަރައިފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. ހުޅަނގު މޫސުމުގެ ހަތްވަނަ ނަކަތް "ފުނޯސް" ނިމި، މިހާރު މިވަނީ "ފުސް" ނަކަތް ފެށިފައެވެ. މި މޫސުމުގެ އަށްވަނަ ނަކަތް ކުރިއަށްދާނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 15 އިން 28އަށެވެ. މި ނަކަތުގައި އާއްމު ގޮތެއްގައި ވައިގަދަވެ, ވިއްސާރަ ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ