ޝާހްރުކްގެ ސްރީލަންކާ ދަތުރު ކެންސަލް ކޮށްފި
އިންޑިއާގެ އަވަށްޓެރި ގައުމު ސްރީލަންކާގައި އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ 'ސިޓީ އޮފް ޑްރީމްސް' ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން ބައިވެރިވާނެކަން އިއުލާނުކުރި ނަމަވެސް އެ ދަތުރު ކެންސަލްކޮށްފިއެވެ. ސްރީލަންކާގެ ސިޓީ އޮފް ޑްރީމްސްގެ ސްޕޯކްސްޕާސަން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެކަން ޝާހު ކުރިން ކަށަވަރުކޮށްދިން ނަމަވެސް އަމިއްލަ ސަބަބުތަކަކާ ހެދި ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ. ޝާހުއަށް ތަރުހީބުދޭ ގިނަ ބަޔަކު ސްރީލަންކާގައި ތިބިއިރު މިއީ އެކްޓަރުގެ ފޭނުން ވަރަށް ބޮޑަށް މާޔޫސް ކުރުވި ޚަބަރެއް ކަމަށް ޑެއިލީ މިރާ ލަންކާގައި ވަނީ ބުނެފައެވެ. ނަމަވެސް އެކްޓަރުގެ ދަތުރު ކެންސަލް ކުރުމަށް ނިންމި ނިންމުމަށް ސިޓީ އޮފް ޑްރީމްސްއިން އިޙުތިރާމުކުރާ ކަމަށާއި އެކްޓަރުގެ ސަޕޯޓަރުން ވެސް އެ ނިންމުމަށް އިޙުތިރާމްކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ސިޓީ އޮފް ޑްރީމްސްއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. ޝާހު 2004 ވަނަ އަހަރު ސްރީލަންކާއަށް ކުރި ޒިޔާރަތުގައި ބައިވެރިވި ބޮލީވުޑްގެ ބައެއް ފިލްމީ ތަރިންނާ އެކު--ފޮޓޯ/ފިލްމީބީޓް ފިލްމީ ޚަބަރުތައް ބުނާގޮތުން ޝާހުގެ މި ދަތުރު ކެންސަލްކޮށްފައި ވަނީ އެކްޓަރު މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ކިންގް"ގެ ޝޫޓިންގްތެރޭ އުޅެނިކޮށް ލިބުނު އަނިޔާއާ ގުޅިގެން ގޭގައި އަރާމު ކުރުމަށް ޑޮކްޓަރުންގެ ޓީމުން އިރުޝާދު ދިނުމާ ގުޅިގެންނެވެ. އިންޑިއާގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެތެރޭ ހިމެނުމުގެ އިތުރުން ބައިނަލްއަގްވާމީ ދުނިޔޭގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެކްޓަރު އެންމެފަހުން ސްރީލަންކާއަށް ޒިޔާރަތްކޮށްފައި ވަނީ މީގެ 21 އަހަރު ކުރިންނެވެ. އެއީ ޝާހު ކުރިން ކުރިއަށްގެންދިޔަ "ޓެމްޕްޓޭޝަން" ޓުއާގެ ތެރެއިން އެ ގައުމުގައި ޝޯއެއް ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ