އިނގިރޭސިން އިންވެސްޓަރުންނަށް ރާއްޖޭގައި ފުރުސަތުތައް ގިނަ: ރައީސް

ރާއްޖޭގައި އިންވެސްޓުކުރަން ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި، އެ ދާއިރާތަކުން އިންވެސްޓުކުރުމަށް ފަހި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އިނގިރޭސިވިލާތުގެ އިންވެސްޓަރުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.އެ މަނިކުފާނު މިހާރު އިނގިރޭސި ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ރާއްޖެ އިން ބޭއްވި ބިޒްނަސް ފޯރަމްގައި ވިދާޅުވީ، އެ ގައުމަކީ މިހާރު ވެސް ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުން ރާއްޖޭގެ ޓޫރިޒަމްގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.އިނގިރޭސިވިލާތަކީ ރާއްޖެ އަށް މިހާރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެ އަށް ވަނީ 114،000 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ވެސް އިނގިރޭސި ވިލާތް އޮތީ ތިން ވަނައިގަ އެވެ. އެ އަހަރު ވެސް ވަނީ 180،000 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ.ރައީސް ވަނީ 2030ވަނަ އަހަރު އަންނަންވާއިރަށް އަމަޒަކީ ކްރިއޭޓިވް އިންޑަސްޓްރީގެ ތެރެއިން ޖީޑީޕީއަށް މަދުވެގެން 15 ޕަސެންޓު ހިއްސާކުރުން ކަމަށް މީގެކުރިން ވިދާޅުވި ވަހަކަފުޅު ތަކުރާރުކުރައްވައިފަ އެވެ.އަދި މި ދާއިރާއިން އެ ގައުމުގެ ކްރިއޭޓިވް އިންސްޓިޓިއުޝަންތަކާއި، ޑިޖިޓަލް ސްޓާޓްއަޕްތަކާއި، މީޑިއާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދައުވަތު ދެއްވައިފަ އެވެ.މީގެ އިތުރުން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ސަރުކާރުން މިހާރު ފަށައިފައިވާ ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ، އިނގިރޭސިވިލާތުގެ އިދާރަތަކުން އެހީތެރިކަން ދިނުމަށް ދައުވަތު ދެއްވައިފައެވެ. އަދި ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ވެސް އެހީއަށް އެދިވަޑައިގަތެވެ.މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މަސް ޕްރޮސެސްކުރުން އަވަސްކުރުމަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.ރައީސް ވިދާޅުވީ، ރާއްޖެއަކީ ޓެކްނޮލޮޖީ ދާއިރާ އަށް އަހުލުވެރި ޒުވާން ޖީލެއް އޮތް ގައުމެއް ކަމަށާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ."އިނގިރޭސި ވިލާތުގެ ޓެކް ކުންފުނިތަކަށް ވެސް އާ ފުރުސަތުތައް މިވަނީ ހުޅުވާލާފައި. ސޮފްޓްވެއާ ފޯރުކޮށްދޭ ކުންފުނިތަކާއި އީ ގަވަނަންސް އެކްސްޕާޓުންނާއި ސައިބަ ސެކިއުރިޓީ ފާމުތަކަށް ވެސް ފުރުސަތުތައް އެބައޮތް،" ރާއްޖޭގައި ހުރި ފުރުސަތުތަކަށް އަލިއަޅުވައިލައްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އާ ބްރޭންޑެއް ވެސް އިފުތިތާހު ކޮށްދެއްވައިފަ އެވެ. "މޯލްޑިވްސް ފިޝަރީޒް ބްރޭންޑް" އަކީ ސީފުޑާ ގުޅޭ ޕްރިމިއަމް ނުވަތަ ހައި ކޮލިޓީ ބްރޭންޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ