ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސްގެ މައްޗަށް ދަރަނި ނުދައްކާކަން ސާބިތުވެ، ގޮނޑި ގެއްލިއްޖެ

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ސައީދު، އަތޮޅު ކައުންސިލްގެ ގޮނޑިއަކަށް ކުރިމަތި ލެއްވި އިރު، އޭނާގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ގަވާއިދުން ދައްކަމުން ގެންގޮސްފައި ނުވާކަން ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިއްޖެ އެވެ.
އިލެކްޝަންސްގެ ނާއިބު ރައީސް އަހުމަދު ފަޔާޒު ހަސަން މިއަދު ވިދާޅުވީ އެކޮމިޝަނުން ސުޕްރީމް ކޯޓްގައި ކުރި ދައުވާ، ހަސަން ސައީދުގެ މައްޗަށް ސާބިތުވެފައިވާ ކަމަށާއި އޭނާގެ ގޮނޑި ގެއްލުނު ކަންކަން ރަސްމީކޮށް އެ ކޮމިޝަނުން ކަނޑައަޅާނީ ސުޕްރީމް ކޯޓްގެ ހުކުމްގެ ތަފުސީލް މާދަމާ ލިބުމުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހަސަން ސައީދުގެ މައްޗަށް ސުޕްރީމް ކޯޓްގައި ދައުވާ ކުރީ ލޯކަލް ކައުންސިލް ގާނޫނުގެ ދަށުން އޭނާ އަކީ އިންތިހާބަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ހަސަން ސައީދު މިއަދު ސަން އަށް ވިދާޅުވީ ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އިންތިހާބަށް ކުރިމަތި ލުމުގެ ސަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ އޭނާ އިންތިހާބަށް ކުރިމަތިލެއްވި އިރު ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅާފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން ވަރިކުރެއްވުމަށް ފަހު ދަރިފުޅުގެ ހަރަދުގެ ގޮތުގައި ލައްވާފައި އޮތް 450ރ. ކޯޓު މެދުވެރިކޮށް ނުދެއްކި އޮތުމުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ދަރިފުޅުގެ ހަރަދު ކޯޓް މެދުވެރިކޮށް ދިނުމަށް ލައްވާފައިވާ ކަން އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ކޮންމެ މަހަކު އޭނާގެ އަންހެނުންގެ އެކައުންޓަށް 3،000ރ. ނޫނީ 4،000ރ. ވަރު ޖަމާކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމަކީ ރާވައިގެން ބަޔަކު ކުރާ ކަމެއް. މިކަމަކީ އަޅުގަނޑުގެ ކުރީގެ އަންހެނުން ވަރިކުރި އިރު ކޯޓަށް ކޮންމެ މަހަކު ޖެހޭ ކަމަށް ކަނޑައަޅާފައިވާ އެއްޗެއް. އަދި ހުކުމާ އެއްގޮތަށް އެފައިސާ ދައްކަމުން ދިޔަ ކަމަށް ބަލަނީ އެފައިސާ ކޯޓަށް ދެއްކުމުން ކަމަށް ކޯޓު ހުކުމުގައި ބުނެފައިވޭ. ނަމަވެސް އެއަށް ވުރެ ގިނައިން ކޮންމެ މަހަކު ވެސް ހަރަދު ކުރަން،" ސައީދު ވިދާޅުވި އެވެ.
ހަސަން ސައީދަކީ އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ