ފާއިތުވި ދެއަހަރު އޯ ލެވެލް އިން ފާސްވި ކުދިންގެ ނިސްބަތް އަށް ޕަސަންޓު އިތުރުވެއްޖެ: ރައީސް ނަޝީދު

ފާއިތުވި ދެ އަހަރު ތެރޭ އޯ ލެވެލް އިމްތިހާނުގައި ބައިވެރިކުދިންގެ ތެރެއިން ފާސްވާ ނިސްބަތް އަށް ޕަސެންޓަށް އިތުރުކުރެވިފައިވާ ކަމަށާއި އެއީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ރައީސް ނަޝީދު ދެއްވާ ރޭޑިއޯ ތަގުރީރުގައި މިއަދު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ސަރުކާރު ހިންގުމާ 2008 ވަނަ އަހަރު ސަރުކާރުން ހަވާލުވިއިރު އޯ ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވެފައިވަނީ 27 ޕަސަންޓު ކުދިންކަމަށާއި ސަރުކާރުގެ އަމާޒަކަށްވީ ފާސްވާ ކުދިންގެ ނިސްބަތް 60 ޕަސަންޓަށް ބަދަލުކުރުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި މިދިޔަ ދެއަހަރު ވަރަށްބޮޑު އަހަންމިއްޔަތު ކަމެއްދީގެން މަސައްކަތް ކުރަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ކުދިންގެ ނަތީޖާ ރަނގަޅުވެގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ ނަތީޖާ މިދަނީ ފެންނަމުން. 2009 ވަނަ އަހަރު ކުރި މަސައްކަތުން 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް، 5 އިންސައްތައަށް އިތުރުކުރެވިފައިވޭ. އަދި މިދިޔަ އަހަރު، 2010 ވަނަ އަހަރު 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތްވަނީ 3 އިންސައްތައަށް އިތުރުކުރެވިފައި. އެހެންކަމުން، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 2008 ވަނަ އަހަރާ އަޅާބަލާއިރު 8 އިންސައްތައަށް މަތިކުރެވިއްޖެ. މިއީ ކުރިންވެސް ދެންނެވިހެން، އަޅުގަނޑުމެންނަށް، މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިދިޔަ އަހަރު 100 ސްކޫލަކުން 2009 ވަނަ އަހަރަށްވުރެ ނަތީޖާ ރަނގަޅުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ހޯދި ދަރިވަރުންގެ އަދަދު ވެސް އިތުރުވެފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. "ހަމައެއާއެކު ފާހަގަކޮށްލެވޭ އަނެއްކަމަކީ ވަރަށްގިނަ ކުދިން ދުނިޔޭގެ ފެންވަރުގައި އާދަޔާ ޚިލާފު ކާމިޔާބީތަކެއް މިފަހަރު ހޯދާފައިވާކަން. އެމާއްދާއަކުން ހޯދަންޖެހޭ ފުރިހަމަ މާކްސް، ސަތޭކައިންސަތޭކަ ހޯދާފައިވާ ކުދިންގެ ޖުމްލަ ޢަދަދު ގިނަކަން އެއީވެސް، ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރާ ކަމެއް،"
އޯ ލެވެލް އިމްތިޙާނުން މަތީ ވަނަތައް ހޯދި ކުދިންނަށާއި، އަދި މި އިމްތިޙާނުން ފާސްވި ކުދިންގެ އިތުރުން ނަތީޖާ ރަނގަޅުކުރި ސްކޫލްތަކަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި އެ ދަރިވަރުންގެ ބެލެނިވެރިން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި، ބެލެނިވެރިންނަށް ވެސް ޝުކުރުއަދާކުރެއްވި އެވެ. އަދި 2011 ވަނަ އަހަރުގެ ނަތީޖާވެސް، މިދިޔަ ދެއަހަރަށްވުރެ ރަނގަޅުކޮށްދެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ތަޢްލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ