ކޮރަލް ވިލްގެ ހަތް ފްލެޓަށް އެއް ފަހަރާ ފައިސާ ދައްކައިފި

ތައިލެންޑްގެ ޕްރުކްސާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި ތަރައްގީކުރާ "ކޮރަލް ވިލް" ގެ ފްލެޓްތަކުގެ ތެރެއިން ހަތް ފްލެޓަށް އެއްކޮށް ފައިސާ ދައްކައިފި ކަމަށް އެޗުޑީސީން ބުނެފި އެވެ. އަދި މިހާތަނަށް 204 ފަރާތަކުން ޕްރީ ބުކިން ހަދައިފި ކަމަށް ވެސް އެތަނުން ބުނެ އެވެ.
އެޗްޑީސީ- ޕްރުކްސާ ޕްރައިވެޓް ލިމިޓެޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ކޮރަލް ވިލް" މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފްލެޓްތައް ރަނގަޅު ފެންވަރަކަށް ހަދައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމައި، ގަންނަ ފަރާތްތަކާ ހަވާލުކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
އެޗްޑީސީ- ޕްރުކްސާ ބުނީ 178 ފްލެޓް ގަތުމަށް މިހާތަނަށް 204 ފަރާތަކުން 10،000ރ. ގެ ބޭންކް ގެރެންޓީޑް ޗެކް ދައްކައި ޕްރީ ބުކިން ހަދާފައިވާ ކަމަށެވެ. ނަމަވެސް ޖޫން 10 ގެ ނިޔަލަށް ޕްރީ ބުކިން ހެދުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ޕްރުކްސާ- އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އަލަށް ތަރައްގީކުރާ ފްލެޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި ފްލެޓްގެ އަގުގެ 20 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ޑައުންޕޭމަންޓް ފްލެޓް ތަރައްގީކޮށް ނިމުމުގެ ކުރިން ދައްކައި ނިންމަން ޖެހޭނެ ކަމަށް ވެސް ކުންފުނިން ބުނެ އެވެ.
ޕްރުކްސާ- އެޗްޑީސީން ބުނީ "ކޮރަލް ވިލް"ގެ ނަމުގައި ފަސް ފިޔަވައްސަކަށް ބަހާލައިގެން ޕްރުކްސާއާ ގުޅިގެން ކުރިޔަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި 1،120 ފްލެޓް ތަރައްގީކުރަން ރާވާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ 178 ފްލެޓްގެ ތެރެއިން 40 ފްލެޓް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޕްރުކްސާ- އެޗްޑީސީން ތަރައްގީކުރާ ފްލެޓްތަކުގެ ކުލި އުޅެނީ މަހަކު 9،060ރ. އިން ފެށިގެން 15،180ރ. އާ ދެމެދުގަ އެވެ. އަދި 15 އަހަރު ދުވަހުގެ ތެރޭގައި އަގު އަދާކުރާއިރު އަގުގެ 11.75 ޕަސެންޓް އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހެ އެވެ.
އެ ފްލެޓްތަކުގެ އަގު އުޅެނީ 955،948ރ. އާއި 1،602،460ރ. އާ ދެމެދުގަ އެވެ.
ޕްރުކްސާ- އެޗްޑީސީގެ ފްލެޓްތައް ގަތުމަށް ޕްރީ ބްކިން ފީގެ ގޮތުގައި 10،000ރ. ދެއްކުމަށް ފަހު އިގްރާރެއްގައި ސޮއިކުރަން ޖެހެ އެވެ. އަދި ފްލެޓްތައް ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެއްފަހަރާ އަގު އަދާކުރާ ފަރާތްތައް ބާކީކުރުމަށް ފަހު ކިއު ނަންބަރު ތަރުތީބުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބުކިން ފީގެ ގޮތުގައި ދެ ކޮޓަރީގެ ފްލެޓަކަށް 40،000ރ. އަދި ތިން ކޮޓަރީގެ ފްލެޓަކަށް 60،000ރ. ދައްކަން ޖެހެ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާއިރު ސޮއިކުރުމުގެ ފީއެއްގެ ގޮތުގައި ދެ ކޮޓަރީގެ ފްލެޓަކަށް 50،000ރ. އަދި ތިން ކޮޓަރީގެ ފްލެޓަކަށް 70،000ރ. ދައްކަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ކުރިން ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ